އާމްދަނީން ޓެކްސް ނެގުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިޔާލުތައް ތަފާތުވެއްޖެ

ދިވެހިރާއްޖޭގެ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުން ހޫނު ބަުހުސްތަކެއް ކުރައްވައިފިއެވެ. ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ މި ބިލަށް ވާހަކަދެއްކެވި މެންބަރުން ވަނީ ސަރުކާރުގެ މާލީ ނިޒާމާއި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރައްވާފައެވެ.

ބަހުސް ފައްޓަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ޓެކްސް ނިޒާމު ތައާރަފުކުރުމުން އެއީ ލާދީނީ ކަމެއްގެ ގޮތުގައި ސިފަކުރި ފަރާތްތަކުން، މިއަދު ވެރިކަމަށް އައިސް އިތުރު ޓެކްސްތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ވެރިކަމާ ހަވާލުވީ އިތުރު އެއްވެސް ޓެކުހެއް ނުނަގާނެ ކަމުގެ ވައުދާއެކު ކަމަށްވީ ނަމަވެސް، އިޤްތިޞާދީ ހާލަތު ގޯސްވުމާ ގުޅިގެން އިތުރު ޓެކްސްތައް ނަގަން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން، ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ މިލިއަނުން ގިނަ ފައިސާ ނުދެވި، އެ ފަރާތްތައް ހާލުގައި ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިޞްލާޙަށް ތާއީދުކުރައްވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ޤާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުން ހިފައިގެން ޓެކުހަށް މަކަރު ހަދަމުންދާ ދިއުމަށް މި އިޞްލާޙުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ވިޔަފާރީގެ ބޮޑެތި ފުރުސަތުތަކެއް ފަހިވެ، ދައުލަތުގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، ޓެކްސްގެ ނިޒާމަށް ގެންނަ މިފަދަ ބޮޑެތި ބަދަލުތައް ގެންނަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު ކަމަށެވެ. އެކަމަށް ގެންވާ މަޝްވަރާ ނެތި މިފަދަ ނިންމުންތައް ނިންމުމަކީ ދިވެހި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކަމާ ގުޅޭގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ، ހަމައެކަނި ޓެކްސް ރޭޓަށް ބަދަލު ގެނެސްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި ދިވެހި ވިޔަފާރިވެރިންނަށް އެއްވެސް ހެޔޮ ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ އަތްގަދަވުން ހުއްޓުވުމަށްޓަކައި ބޮޑެތި މަޝްރޫއުތަކުގެ ވަކި އިންސައްތައެއް ދިވެހިންނަށް ސަބް ކޮންޓްރެކްޓް ކުރަން މަޖުބޫރުވާ ގޮތަށް ޤާނޫނުތަކާއި ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!