ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގާ ބިލު މަޖިލީހުން ފާސްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖެނެރަލް ސޭލްސް ޓެކްސް (ޖީއެސްޓީ) ނެގޭގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާއެކުގައެވެ. އެ އިސްލާހުތަކަކީ ބިލުގައިވާ ބައެއް މަފްހޫމްތައް އިތުރަށް ސާފުކޮށް ތަފްސީލުކުރުމުގެ ގޮތުން ހުށަހެޅުއްވި އިސްލާހުތަކެކެވެ. ބިލު ފާސްކުރުމަށް ފެންނަކަމަށް 54 މެންބަރަކު ވޯޓު ދެއްވިިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރަން ފެށުމެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހިންގާ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޓެކްސް ނެގޭނެ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގައި މިހާރު ކުރިމަތިވާ އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދައި، ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އޮފްޝޯ ބުކިން އެޖެންސީތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ވަޒަންވެގެން ތިބޭ ފަރާތްތަކަކަށް ނުވާތީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ޓެކްސްއަށް ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ހާއްސަ އިންތިޒާމުތަކެއް ގާއިމުކުރެވޭނެއެވެ.

މި ގާނޫނަށް އަންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން އަހަރަކު 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއާއެކު ޖުމްލަ 1.6 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓަށް ވަންނާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ހިއްސާ ކުރައްވާ!