ދިވެހިރާއްޖެއަކީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ގޮތުގެ މަތިން ޔުނިޓަރީ ދައުލަތެއް ނަމަވެސް، ބައެއް ރަށު ކައުންސިލްތަކުން އަމަލުކުރަމުންދަނީ އެއީ ވަކި ސަރުކާރުތަކެއްގެ ގޮތުގައި ދެކިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަންތަކަކާ ގުޅޭގޮތުން ބަހުސްކުރައްވަމުން މެންބަރު ސަލީމު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގުމަށް ރާވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކައުންސިލުތަކުގެ އިޚުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދޭ ގޮތަށް އިސްލާހު ހުށަހެޅުމުން، އެކަމާ ދެކޮޅަށް އީ-ޕެޓިޝަނެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް އެދިވެސް އިތުރު ޕެޓިޝަނެއް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ ދެވަނަ މާއްދާއާ ހަވާލާދެއްވަމުން ސަލީމު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ މިނިވަން، މުސްތަގިއްލު، ޑިމޮކްރެޓިކް، ޖުމްހޫރީ އަދި "ޔުނިޓަރީ" ދައުލަތެކެވެ. ރާއްޖެއަކީ ފެޑެރަލް ނިޒާމެއް އޮންނަ ގައުމެއް ނޫން ކަމަށާއި، ފެޑެރަލް ދައުލަތްތަކުގައި ސަރަހައްދީ ސަރުކާރުތައް ހުރި ނަމަވެސް، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ސަރަހައްދީ ސިޔާސީ ސަރުކާރުތަކެއް އުފެއްދުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކުން އަމިއްލަ ބާރުތަކެއް ނަގައިގެން އަމަލުކުރުމުގެ ސަބަބުން އިޖުތިމާއީ ނުތަނަވަސްކަން އުފެދެމުންދާކަން ފާހަގަކުރައްވަމުން، އެއް ރަށެއްގެ މީހުންނަށް އަނެއް ރަށަށް އަރައިނޫޅެވޭވަރަށް ދެ ރަށެއްގެ މެދުގައި މައްސަލަ ގޯސްވި ހާދިސާއަކަށް ސަލީމު އަލިއަޅުއްވާލެއްވިއެވެ. މިއީ ސިސްޓަމުގެ ތެރެއިން އުފެދޭ ވަރަށް ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ގައުމުގެ ހަމަޖެހުމާއި އިސްލާހަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާކަން މަޖިލީހުގައި ފާހަގަކުރެވުނެވެ. އަދި ގާނޫނުތަކަށް ބަދަލުުގެނައުމުގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް ވިދާޅުވިއެވެ. ސަލީމުގެ އާންމު ތަގްރީރު ކުރުމުގެ އުސޫލާއެއްގޮތަށް، އިސްލާމީ ތާރީހުން ދަލީލު ނަންގަވަމުން، ޚިލާފަތުގެ ނިޒާމުގައިވެސް އެކި ސަރަހައްދުތަކަށް ވެރިން އައްޔަންކުރެއްވި ނަމަވެސް، އެންމެ މަތީ އަމުރާއި އިރުޝާދު ދެއްވުމާއި ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ ޚަލީފާއަށް ކަމަށް ސަލީމު ވިދާޅުވިއެވެ.
މެންބަރު ސަލީމު އިންޒާރު ދެއްވި ގޮތުގައި، މިހާރު ކަންކަން ހިނގަމުންދާ މިސްރާބުން ކަންކަން ކުރިއަށްގޮސްފިނަމަ، ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އަތޮޅުތަކުގެ މައްޗަށް ސަރުކާރުގެ ބާރު ނުހިނގާ ހިސާބަށް ކަންކަން ގޮސް، ގައުމީ ބައިބައިވުން އުފެދުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއީ އެއްވެސް ސިޔާސީ ފިކުރަކުން ނުވަތަ ޕާޓީއަކުން އެދޭނެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަހުސާއެކު، އިންތިޚާބުވާ ކައުންސިލަރުންނަށް ގާނޫނުއަސާސީއާއި ދައުލަތުގެ ހިންގުމުގެ ނިޒާމު ސާފުކޮށްދިނުމަށްޓަކައި އިންތިޚާބަށްފަހު ހާއްސަ ތަމްރީނު ބައްދަލުވުންތަކެއް ބާއްވަންޖެހޭކަމާމެދު ސީރިއަސްކޮށް ވިސްނަންޖެހިފައި ވެއެވެ.



