ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ކެމްބްރިޖް އިންޓަނޭޝަނަލް އެޑިއުކޭޝަން (ސީ.އައި.އީ) ގެ އޭ.އެސް ލެވެލް މެތަމެޓިކްސް އިމްތިހާނު ކަރުދާހެއް ލީކުވެފައިވާ ކަމަށް ބުނާ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ޖޫން 2026 ސީރީޒްގެ އޭ.އެސް ލެވެލް "ޕިއޯ މެތަމެޓިކްސް 1″ ޕޭޕަރު ބުދަ ދުވަހުގެ މެންދުރުފަހު އިމްތިހާނު ފެށުމުގެ ކުރިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ސީ.އައި.އީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމްތިހާނު ކަރުދާހެއް ލީކުވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ރިޕޯޓްތައް ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށާއި، ތަހުގީގަށްފަހު އިތުރު މައުލޫމާތު ބޭނުންވާނަމަ އިމްތިހާނު ސެންޓަރުތަކާ ހިއްސާކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ޕާކިސްތާނުގައި މިފަދަ ބޮޑެތި އިމްތިހާނުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ތަކުރާރުކޮށް މައްސަލަ ޖެހެމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިއީ ކެމްބްރިޖް އިމްތިހާނު ކަރުދާހެއް ޕާކިސްތާނުގައި ލީކުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ 2025 ވަނަ އަހަރުގެ ޖޫން ސީރީޒްގައި ވެސް މެތަމެޓިކްސްގެ ބައެއް ކަރުދާސްތަކާއި ކޮމްޕިއުޓަރ ސައިންސް ކަރުދާހެއްގެ ބައެއް ސުވާލުތައް އިމްތިހާނުގެ ކުރިން ލީކުވެފައިވާކަން ސީ.އައި.އީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން އިމްތިހާނުތަކުގެ މިންގަނޑުތަކާއި، ކަރުދާސްތައް ބެލެހެއްޓުމުގައި ހުރި ނިޒާމީ ބަލިކަށި ކަމާ މެދު މީހުން ދަނީ ވާހގަކަ ދައްކަމުންނެވެ. ސީ.އައި.އީ އިން ދަނީ މި މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.



