ކެންސަރާއި ފުރަމޭގެ ބަލިތަކަށް ފަރުވާދިނުމަށް އީރާނުން ނެނޯޓެކްނޮލޮޖީގެ އައު އީޖާދުތަކެއް ދައްކާލައިފި އެވެ. އީރާނުގެ ސައިންޓިފިކް ކުރިއެރުންތަކުގެ ޚަބަރު ގެނަސްދޭ އީރާން ފަސްޓް ޕީޓީވީ އިން ތެހެރާންގައި ހުންނަ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެކްސިރް ނެނޯ ސީނާ އިން އުފައްދާފައިވާ ނެނޯ މެޑިސިންގެ އައު އުފެއްދުންތަކެއް ދައްކާލައިފިއެވެ. މިއީ ނެނޯ ފޯމިއުލޭޓެޑް ބޭސްތައް އުފެއްދުމަށް ހާއްސަ ކުންފުންޏެކެވެ.
އީރާން ފަސްޓް ޕީޓީވީ އިން ހާމަކޮށްފައިވާ ގޮތުގައި، މި ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، އޯވަރީގެ ކެންސަރު އަދި ކަޕޯސީސް ސާކޯމާ ފަދަ ބަލިތަކަށް އަމާޒުކޮށްގެން ދެވޭ ކީމޯތެރަޕީ ބޭހެއް ކަމަށްވާ ސީނާޑަކްސޯމް ހިމެނެއެވެ. މީގެ އިތުރުން ފުރަމޭ ދުޅަވުމާއި، ސިރޯސިސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ސީނާލިވް 70 ވެސް ވަނީ ދައްކާލާފައެވެ.
މި ބޭސްތަކަކީ ބައިނަލްއަގުވާމީ ނެނޯޓެކްނޮލޮޖީ ޑޭޓާބޭސްތަކުގައި ރެޖިސްޓްރީ ކޮށްފައިވާ، އަދި މިހާރު އީރާނުން ލިބެން ހުރި ބޭސްތަކެކެވެ. އެކްސިރް ނެނޯ ސީނާގެ މި ފޯމިއުލޭޝަންތަކުގެ ސަބަބުން ބޭސް ހަށިގަނޑަށް ބޭނުންތެރި މިންވަރު އިތުރުވެ، ބަލިޖެހިފައިވާ ސެލްތަކަށް ސީދާ އަމާޒުކޮށްގެން ފަރުވާ ދެވޭތީ ބޭހުން ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދެއެވެ.
މި އުފެއްދުންތަކާ ގުޅޭގޮތުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ނެނޯޕާޓިކަލްތަކުން ކެންސަރު ސެލްތަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ 3ޑީ ރެންޑަރިންއެއް ހިމަނާފައިވެއެވެ. މިއީ ޓެކްނޮލޮޖީ ބަދަލުކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ހުރަސްތަކެއް ހުރި ނަމަވެސް، އަމިއްލަ އީޖާދުތަކުން ކުރިއެރުން ހޯދުމަށް އީރާނުން ކުރާ މަސައްކަތުގެ ރަމްޒެކެވެ.
އީރާނަކީ މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ބޭނުންކޮށްގެން ކެންސަރަށް މުހިންމު އީޖާދީ ފަރުވާ ދޭ ގައުމެކެވެ. މިކަމަކީ އެމެރިކާއިން ނުރުހުމާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކެންސަރުގެ ފަރުވާ ދިން ޣައްޒާގެ އައްޝިފާ ހަސްފަތާލުގެ ހުރިހައި ދިރާސާތަކާއި ސމްޕަލްތަކާއި ރިސާޗް ކަރުދާސްތައް ނައްތާލައި ރިސާޗް ކުރި މީހުން ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ވަގަށް ނަގާފައެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އީރާނުގެ ނެނޯ މެޑިސިން ދާއިރާ ވަނީ ސަރުކާރުގެ އެހީތެރިކަމާއި ޔުނިވަރސިޓީތަކުގެ ބައިވެރިވުމާއެކު ވަރަށް ބޮޑަށް ކުރިއަރާފައެވެ. އީރާނުގެ އޮފިޝަލުން ސިފަކުރައްވާ ގޮތުގައި މިއީ ގައުމުގެ ސައިންޓިފިކް މިނިވަންކަމުގެ ބިންގަލެވެ. 47 އަހަރު ވަންދެން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދަތި ހާލުގައި ގައުމު ބިނާ ކުރުމަށް އީރާނުން ކުރި މަސައްތަކާ ގާތަށްވެސް ޕެޓްރޯލު މުއްސަނދި އަރަބިންނަށް ދެވިފައެއް ނުވެއެވެ.




