ތެލުގެ އާމްދަނީ ދަށްވުމާއި ސަރުކާރުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެފިސިޓް އިތުރުވެފައިވާ ކަމަށް އެގައުމުގެ ފައިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ކުއާޓަރުގައި 125.7 ބިލިއަން ރިޔާލް (33.5 ބިލިއަން ޑޮލަރު) ގެ އުނިކަމެއް ބަޖެޓުން ވަނީ ފެނިފައެވެ.
ބަޖެޓް ޑެފިސިޓް ބޮޑުވެފައިވަނީ ސަރުކާރުގެ ޖުމްލަ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެ، 386.7 ބިލިއަން ރިޔާލަށް އެރުމުންނެވެ. ހަމައެއާއެކު، ހުރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ސާފުނުކުރާ ތެޔޮ ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، ތެލުގެ އާމްދަނީ ވަނީ 3 އިންސައްތަ ދަށްވެ 144.7 ބިލިއަން ރިޔާލަށް ވެއްޓިފައެވެ.
މި ހިސާބުތަކަކީ ރިޔާޒުން ކުރިން ލަފާކުރި މިންވަރަށްވުރެ ބޮޑު ތަފާތެއް ހުރި ހިސާބުތަކެކެވެ. މުޅި އަހަރަށް ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އޮފިޝަލުން ކުރިން ލަފާކުރީ 65 ބިލިއަން ރިޔާލުގައެވެ. ނަމަވެސް، ހަމައެކަނި ފުރަތަމަ ކުއާޓަރުގެ ޑެފިސިޓް މިހާރު ވަނީ އެ އަދަދަށްވުރެ މާ މައްޗަށް ގޮސްފައެވެ.
ސަރުކާރުގެ މުހިންމު ދާއިރާތަކުން ޚަރަދުތައް އިތުރުވެފައިވާއިރު، އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ އިގްތިސާދީ ވަސީލަތްތަކުގެ ދާއިރާއިންނެވެ. އެ ދާއިރާގެ ޚަރަދުތައް 52 އިންސައްތަ އިތުރުވެފައިވާއިރު، އާންމު ޚިދުމަތަށް ކުރާ ޚަރަދު 46 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން އަސްކަރީ، އިންފްރާސްޓްރަކްޗަރ އަދި ދަތުރުފަތުރުގެ ދާއިރާއިން ކުރި ޚަރަދުތައް 26 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ ޑެފިސިޓަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރަށްވުރެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އިތުރު އަދަދެކެވެ. މިއިން ދޭހަކޮށްދެނީ ސަރަހައްދީ ނުތަނަވަސްކަމާއި ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ ޚަރަދުތަކުގެ ސަބަބުން މާލީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ޕްރެޝަރެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ސައުދީ އަރަބިއްޔާއިން، ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، އެގައުމުގެ 'ވިޝަން 2030' ގެ ދަށުން ކުރިއަށްގެންދާ ބިޔަ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.





