ކޮރަޕްޝަނުގެ މައްސަލަތަކުގައި ކުރީގެ ދެ ދިފާޢީ ވަޒީރުން ދަންޖައްސަން ހުކުމް ކޮށްފި

ޗައިނާގެ އަސްކަރީ ކޯޓުން އެޤައުމުގެ ކުރީގެ ދެ ދިފާޢީ ވަޒީރުން ކަމަށްވާ ވޭ ފެންގްހޭ އާއި ލީ ޝަންގްފޫގެ މައްޗަށް މަރުގެ އަދަބު އިއްވައިފިއެވެ. މި ދެ ބޭފުޅުންގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ސާބިތުވުމާ ގުޅިގެންނެވެ.

އަސްކަރީ ކޯޓުން މި ދެ ބޭފުޅުންގެ މައްޗަށް ވަކިވަކިން ކުރި ޙުކުމުގައިވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަރުގެ އަދަބު ތަންފީޛުކުރުން ފަސްކުރުމަށެވެ. މީގެ ތެރެއިން ވޭ ފެންގްހޭގެ މައްޗަށް ސާބިތުވީ ރިޝްވަތު ހިފުމުގެ ކުށެވެ. އަދި ލީ ޝަންގްފޫގެ މައްޗަށް ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމުގެ ކުށް ވަނީ ސާބިތުވެފައެވެ. މި ދެ ބޭފުޅުންނަކީވެސް ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ކުރީގެ މެންބަރުންނާއި ކުރީގެ ސްޓޭޓް ކައުންސިލަރުންނެވެ.

ކޯޓުގެ ޙުކުމުގައިވާ ގޮތުން، މި ދެ ބޭފުޅުންގެ ސިޔާސީ ހުރިހާ ޙައްޤުތަކެއް އުމުރަށް ނިގުޅައިގަނެ، އެ ބޭފުޅުންގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މަރުގެ އަދަބު ތަންފީޛުކުރުން ފަސްކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، އެ އަދަބު އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުވި ނަމަވެސް، އިތުރު އެއްވެސް ލުޔެއް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޗައިނާގެ ޤާނޫނުތައް ބުނާގޮތުން، މަރުގެ އަދަބު ފަސްކޮށްފައިވާ މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ، އާންމުގޮތެއްގައި އެ އަދަބު އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރެވެއެވެ. ނަމަވެސް މި މައްސަލައިގައި ކޯޓުން ވަނީ އެއްވެސް ލުޔެއް ނުދިނުމަށް ކަނޑައަޅާފައެވެ. އަދި މި ދެ ބޭފުޅުންނަށް މުޅި އުމުރު ހޭދަކުރަންޖެހޭނީ ޖަލުގައެވެ.

މި މައްސަލައިގެ ތަޙުޤީޤުން ހާމަވިގޮތުގައި، ލީ ޝަންގްފޫ ވަނީ ބޮޑެތި އަދަދުތަކުން ރިޝްވަތު ހިފުމުގެ އިތުރުން އެހެން ފަރާތްތަކަށް ރިޝްވަތު ދީފައެވެ. އަދި އޭނާގެ ސިޔާސީ މަސްއޫލިއްޔަތުތައް އަދާނުކޮށް، ވަޒީފާގެ ކުރިއެރުންތައް ހޯދުމުގައި ނާޖާއިޒު ނުފޫޒު ބޭނުންކޮށްފައިވެއެވެ. ވޭ ފެންގްހޭއާ ގުޅޭގޮތުން 2023 ވަނަ އަހަރު ފެށި ތަޙުޤީޤުން އެނގުނުގޮތުގައި، އޭނާ ވަނީ އަގުބޮޑު މުދަލާއި ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހިފައި، ވަޒީފާގެ ކުރިއެރުން ދިނުމުގައި ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައެވެ.

ޗައިނާގެ ރަސްމީ މީޑިއާ، ޝިންހުއާ އިން ބުނިގޮތުގައި، މި ދެ ބޭފުޅުންގެ ޢަމަލުތަކަކީ "ނުހަނު ސީރިއަސް، އަދި އޭގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ" ޢަމަލުތަކެކެވެ.

މި ހަރުކަށި އަދަބުތަކަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް 2012 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި "ކޮރަޕްޝަނާ ދެކޮޅު" ވަރުގަދަ ކެމްޕޭނުގެ ދަށުން ނިންމި ނިންމުންތަކެކެވެ. މި ކެމްޕޭނުގެ އެންމެ ބޮޑު އަމާޒަކީ ޗައިނާގެ އަސްކަރިއްޔާ ކޮރަޕްޝަނުން ސަލާމަތްކުރުމެވެ.

ހިއްސާ ކުރައްވާ!