ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަލް އައިންގައި ހިނގި މަގުމަތީ އެކްސިޑެންޓެއް ވީޑިއޯކޮށް، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކު އާންމުކުރުމުން އެސޮރުގެ ބައްޕަ 10،000 ދިރުހަމުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި އަލްއައިންގެ މަދަނީ ކޯޓުން ހުކުމްކުރީ، އެކްސިޑެންޓްވި އުޅަނދު ދުއްވަން އިން މީހާގެ ހުއްދައެއް ނެތި އޭނާގެ މަންޒަރުތައް ހިމެނޭހެން ވީޑިއޯކޮށް އާންމުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން ނިންމީ ކުއްޖާގެ ގާނޫނީ ބެލެނިވެރިޔާގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ ބައްޕަ އުފުލަންޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އެކްސިޑެންޓްވި އުޅަނދު ދުއްވަން އިން މީހާ ވަނީ ކުއްޖާގެ ބައްޕައާ ދެކޮޅަށް ދައުވާކޮށް، އޭނާގެ އަބުރަށާއި ކަރާމާތަށް ލިބުނު މާއްދީ އަދި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 100،000 ދިރުހަމް ނަގައިދިނުމަށް އެދިފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައިވެއެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދަރިފުޅަކީ ކުޑަކުއްޖަކަށް ވީއިރު، އޭނާގެ އަމަލުތައް މޮނިޓަރކޮށް ބެލެހެއްޓުމަކީ ބައްޕަގެ މައްޗަށް ގާނޫނީގޮތުން ލާޒިމުކުރާ ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ބައްޕަގެ ފަރާތުން އެ ޒިންމާ ފުރިހަމައަށް އަދާކޮށްފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ކޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާންމު ނިޒާމާ ޚިލާފު އަމަލެއް ހިންގާފައިވާތީ، އެ ކުއްޖާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވާކަމަށް މީގެ ކުރިން ކޯޓުން ވަނީ ނިންމާފައެވެ. މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ކޯޓުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10،000 ދިރުހަމް ދިނުމަށާއި، މައްސަލައިގެ ގާނޫނީ ހަރަދުތައް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައެވެ.
ރާއްޖޭގައި މިފަދަ ގާނޫނުތަައް ފާސް ކުރާނީ ކޮން އިރަކުން ބާ؟



