ހަންޓާ ވައިރަސްގެ ހާލަތު އެޗްޕީއޭ އިން މޮނިޓަރ ކުރަން ފަށައިފި

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، އެ ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރ ކުރަން ފަށައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުން މި ބަލި ފެނުނު ނަމަވެސް، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ފެނިފައި ނުވާ ކަމަށެވެ. އަދި ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ރާއްޖެއިން މިހާތަނަށް ފެނިފައި ނުވާކަން އެ އެޖެންސީން ކަށަވަރުކޮށްދެއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ގޮތް އެ އެޖެންސީން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ. މި ބައްޔާ ގުޅިގެން ސިއްހީ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މުރާޖައާ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!