އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އީރާނުން 10 ޝަރުތެއް ކުރިމަތިކޮށްފިއެވެ.
ފީފާގެ ރައީސް ކުރެއްވި މަސައްކަތްޕުޅުތަކަށްފަހު، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ ގައުމީ ޓީމު މުބާރާތުގައި ބައިވެރިވުމަށްޓަކައި މުބާރާތް ބާއްވާ ގައުމުތަކުން ފުރިހަމަކުރަންޖެހޭ 10 ޝަރުތެއް ހުށަހަޅާފައެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، އެ ގައުމުން ވޯލްޑް ކަޕުގައި ބައިވެރިވާން ބޭނުންވި ނަމަވެސް، އެ ގައުމުގެ ދީނީ އަގީދާއާއި، ސަގާފަތް އަދި ފިކުރަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމަކަށް ދޫނުދޭނެ ކަމަށެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޝަރުތުތަކަކީ އީރާނުގެ ވަފުދަށް އެ ގައުމުތަކުގައި ދެވޭނެ ހިމާޔަތާއި އިހުތިރާމާ ގުޅޭގޮތުން ހުށަހެޅި ޝަރުތުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމަކީ:
މުބާރާތުގެ ތެރޭގައި ވިސާ ދޫކުރުމުގެ ކަންކަން ފަސޭހަކޮށްދިނުން.
ގައުމީ ޓީމުގެ އޮފިޝަލުންނާއި، ގައުމީ ދިދައާއި ގައުމީ ސަލާމަށް ފުރިހަމައަށް އިހުތިރާމްކުރުން.
އެއާޕޯޓްތަކާއި، ހޮޓާތަކާއި އަދި ސްޓޭޑިއަމްތަކަށް ދިއުމަށް ބޭނުންކުރާ މަގުތަކުގައި ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ފޯރުކޮށްދިނުން.
މިކަމާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުގެ ފުޓްބޯޅަ ކުޅުންތެރިންނަށް އެމެރިކާއިން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ވަފުދުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އާ ގުޅުންހުރި މީހުންނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިޚުތިޔާރު އެމެރިކާއަށް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.





