ޕާކިސްތާނުގެ ޕެޝާވަރުގެ ގިއްސާ ޚްވާނީ ބާޒާރުގައި މީގެ ދެ ދުވަސް ކުރިން ހިނގި ހާދިސާއަކާ ގުޅިގެން، އެ ގައުމުގެ ކޯޓަކުން ނަމޫނާ އިންސާފެއް ގާއިމުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންތިހާއަށް ބަނޑުހައިވެފައިވާ ފަގީރު އަންހެނަކު، ތަންދޫރަކުން ރޮއްޓެއް ވަގަށް ނެގުމާ ގުޅިގެންނެވެ.
މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ އަންހެން މީހާ ރޮށި ވަގަށް ނެގުމުން ތަންދޫރުގެ ވެރިފަރާތުން އޭނާއަށް އެއްވެސް ރަހުމެއް ނުބަހައްޓައި، ވަރަށް ބޮޑަށް އަނިޔާކުރުމަށްފަހު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ފަނޑިޔާރު އެ އަންހެން މީހާއާ ސުވާލުކުރުމުން އޭނާ ވަނީ ކޯޓުގައި ވަރަށް ބޮޑަށް ރޮއެ، އޭނާގެ ހާލަތު ބަޔާންކޮށްދީފައެވެ.
ގުލް ބާނޫ ނަމަކަށް ކިޔާ އެ އަންހެން މީހާ ކޯޓުގައި ބުނީ، "އަހަރެންގެ ފިރިމީހާ ވަނީ އެކްސިޑެންޓެއްގައި މަރުވެފައި. އަހަރެންގެ ތިން ޔަތީމު ކުދިން ތިބިއިރު، އެކުދިން ބަނޑަށް ތިބޭތާ ދެ ދުވަސް ވެއްޖެ. ގޭގައި އާމްދަނީ ހޯދާނެ އެއްވެސް މީހަކު ނެތުމުން، މަޖުބޫރުވެގެން ރޮށި ވަގަށް ނެގުނީ،" ކަމަށެވެ. އެ އަންހެން މީހާގެ ހަށިގަނޑުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ސާފުކޮށް ފެންނަން ހުރުމުން އެކަމާ މެދުވެސް ކޯޓުން ސުއާލު ކުރިއެވެ.
މި މައްސަލައިގައި ފަނޑިޔާރު ވަނީ ވަގުތުން ތަންދޫރުގެ ވެރިފަރާތް ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. އަދި ފަގީރު ހުވަފަތް އަންހެނަކަށް އަނިޔާކުރި މައްސަލައިގައި އޭނާ ދެ އަހަރަށް ޖަލަށްލުމަށާއި، ބަދަލުގެ ގޮތުގައި ފަސް ހާސް ރުޕީސް ދެއްކުމަށް އެމީހާއަށް ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން، އެ މައްސަލައިގައި ޒިންމާވާ ފުލުސް އޮފިސަރު އެހެން މަގާމަކަށް ބަދަލުކުރުމަށްވެސް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.
އިންސާފުގެ މި ނިންމުމާއެކު، ޕެޝާވަރުގެ ޑެޕިއުޓީ ކޮމިޝަނަރަށް ފަނޑިޔާރު ވަނީ އެ އަންހެން މީހާއާއި އޭނާގެ ދަރިންގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ބަޖެޓުން ހަމަޖައްސައިދިނުމަށް ލާޒިމުކޮށް ފައެވެ. މި ނިންމުމަކީ އިސްލާމީ ޕާކިސްތާންގައި ދައުލަތުގެ އަޅާލުން ނެތް ކަން އަންގައިދޭ ހާދިސާއެކެވެ. އަދި އިންސާނިއްޔަތުކަމާއި ހަގީގީ އިންސާފު ދައްކުވައިދޭ ނިންމުމެއްގެ ގޮތުގައި ފަނޑިޔާރުފގެ މި ހިތްވަރުގަދަ ހުކުމް ގިނަ ބަޔަކު ދަނީ ސިފަކށް ތައުރީފު ކުރަމުންނެވެ.

