ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ އަދަދާއި، އެ މީހުން ބެހިފައިވާ ގޮތުގެ ތަފާސްހިސާބުތައް މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ޖުމްލަ 3,907 ނަރުހުން ދަނީ ހިދުމަތް ދެމުންނެވެ.
ދިވެހި ނަރުހުންގެ ނިސްބަތަށް ބަލާއިރު، ޖުމްލަ ނަރުހުންގެ 64 އިންސައްތައަކީ ދިވެހިންނެވެ. އަދި ބާކީ 36 އިންސައްތައަކީ ބިދޭސީ ނަރުހުންނެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގައި 1,400 އަށްވުރެ ގިނަ ބިދޭސީ ނަރުހުން މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މި ދާއިރާގައި ދިވެހިން އިތުރުކުރުމެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ހާމަކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ނަރުހުންގެ އާބާދީގެ ބޮޑު ބަޔަކީ އަންހެނުންނެވެ. އެގޮތުން ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންނެވެ. މީގެ ތެރޭގައި ހިމެނެނީ 3,593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ދާއިރާ ބެހިފައިވާ ގޮތާ އެއްގޮތް ނަތީޖާއެއް ކަމަށާއި، މިއިން ދޭހަކޮށްދެނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ކަމަށް ކަމާބެހޭ ފަރާތުން ފާހަގަކުރެއެވެ.
ނަރުހުން ރާއްޖޭގެ ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ނަރުހުންގެ އަދަދު ހުރީ ދާދި އެއްވަރެއްގައެވެ. މާލެ ސަރަހައްދުގައި 1,989 ނަރުހުން (51 އިންސައްތަ) މަސައްކަތް ކުރާއިރު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި 1,918 ނަރުހުން (49 އިންސައްތަ) ދަނީ ހިދުމަތް ދެމުންނެވެ. މިއީ އާބާދީ ބެހިފައިވާ ގޮތަށް ބަލައި، މާލެއިން ބޭރުގައިވެސް އަސާސީ ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާކަމަށް މިނިސްޓްރީން ބުނެއެވެ.
ވަޒީފާ އަދާކުރާ ތަންތަނަށް ބަލާއިރު، ގިނަ ނަރުހުން މަސައްކަތް ކުރަނީ ސަރުކާރުގެ މުއައްސަސާތަކުގައެވެ. އެގޮތުން 84 އިންސައްތަ ނަރުހުން (3,291 މީހުން) ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާއިރު، އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނުގައި މަސައްކަތް ކުރަނީ 616 ނަރުހުންނެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެލްތު މިނިސްޓްރީން ވަނީ ނަރުހުންނަކީ ގައުމުގެ ސިއްހީ ނިޒާމުގެ "ހިމޭން ބަތަލުން" ގޮތުގައި ސިފަކޮށްފައެވެ. އަދި އިތުރުވަމުންދާ އާބާދީއާއި ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް ރިއާޔަތްކޮށް، ނަރުހުން ތަމްރީނުކުރުމާއި ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.




