މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހަތް މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފިއެވެ. މި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި 74 އަށްވުރެ ގިނަ މީހުން ދެނެގަނެވިފައިވާ ކަމަށާއި، އެ އެންމެންގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ގައުމުތަކުގައި ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް، އެޗްޕީއޭއިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އަރިދަފުސް ރޯގާގެ އަލާމާތްތަކާއެކު ހަންގަނޑުގައި ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެ އެޖެންސީން އިރުޝާދު ދެއެވެ.
ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، އާންމުގޮތެއްގައި ބިހިތައް އެންމެ ފުރަތަމަ ފެންނަން ފަށާނީ މޫނާއި ކަރުން ކަމަށެވެ. އޭގެ ފަހުން މުޅި މޭމައްޗާއި، ބުރަކަށީގެ އިތުރުން އަތާއި ފައިގެ ހަންގަނޑަށް ބިހިތައް ފެތުރިގެންދާނެ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
ހިމަބިއްސަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވާ ތިކިތަކުގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ބަންދުކޮށްފައި ހުންނަ ތަންތަނުގެ ވައިގެ ތެރޭގައި މި ވައިރަސް ދެ ގަޑިއިރު ވަންދެން ހުރެއެވެ. މީގެ އިތުރުން، ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު ލޯ، ނޭފަތް ނުވަތަ އަނގައަށް އަތްލުމުންވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
މި ބަލިން ރައްކާތެރިވުމަށް ޖަހަންޖެހޭ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަމަށް ބުނެއެވެ. ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބިހިތައް ފެންނަން ފެށުމުގެ ހަތަރު ދުވަސް ކުރިންނާއި، ބިހިތައް ނެގުމަށްފަހު ހަތަރު ދުވަސް ވަންދެން އެހެން މީހުންގެ ގަޔަށް ބަލި އެރުވުމުގެ ފުރުސަތު އޮވެއެވެ.





