އަޒްހަރުގެ ހުރިހާ އިދާރާތަކެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފި

މިސްރުގެ އަލްއަޒްހަރުގެ މައި އިދާރާއާއި އެ މުއައްސަސާގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކެއްގެ ތެރޭގައި އަދި އިމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން މަނާކުރުމަށް އެ މުއައްސަސާއިން ނިންމައިފިއެވެ. މި ނިންމުމަކީ މުވައްޒަފުންނާއި އެ މުއައްސަސާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އަޒްހަރުން ހާމަކުރެއެވެ.

އަޒްހަރުގެ އިދާރާއިން ބުނި ގޮތުގައި މި ނިންމުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމާ ބެހޭ 2007 ވަނަ އަހަރުގެ 154 ވަނަ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އަދި މި އަމުރާ ޚިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އަލްއަޒްހަރުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިސްމާއީލް އަލްހައްދާދު ވަނީ މި ނިންމުން ވަގުތުން ތަންފީޒުކުރުމަށް ހުރިހާ ދާއިރާތަކަކަށް އަންގަވާފައެވެ. މި ނިންމުން ތަންފީޒުވަމުންދާކަން ކަށަވަރުކުރުމަށް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި އިދާރީ އިސްވެރިންނަށް ވަނީ ޚާއްސަ ޒިންމާތަކެއް ހަވާލުކުރެވިފައެވެ.

މި ނިންމުމާ ގުޅިގެން މިސްރުގެ ފަތުވާ ނެރޭ އިދާރާ ދާރުލް އިފްތާގެ އިލްމުވެރިން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަކަށްވާތީ، އެއީ ޝަރުއީ ގޮތުން ހަރާމް ކަމެއް ކަމަށެވެ. މިކަމަށް ބާރުދެއްވައި އަމީނުލް ފަތުވާ ޝައިޚް މުޙައްމަދު ކަމާލް ވަނީ ޤުރުއާނުގެ އާޔަތާއި، ހަދީޘްފުޅު ހަނދާންކޮށްދެއްވާފައެވެ.

އިލްމުވެރިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މާލީ ގޮތުން ކުރެވޭ ބޭކާރު އިސްރާފެކެވެ. އިންސާނާގެ ހަށިގަނޑަކީ އަމާނާތެއް ކަމަށާއި، އެ އަމާނާތް ރައްކާތެރިކުރުމަކީ ވާޖިބެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ. އެހެންކަމުން ސިއްހަތާއި މުދާ ރައްކާތެރިކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ދީނީ ގޮތުން ލާޒިމްކަމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހިއްސާ ކުރައްވާ!