ސްރީލަންކާއަށް ޒިޔާރަތްކުރާ ބޭރުގެ ހުރިހާ ރައްޔިތުން 25 މެއި 2026 އިން ފެށިގެން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދަންޖެހޭ ގޮތަށް އެގައުމުން ނިންމައިފިއެވެ. މާލޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ދިވެހި ރައްޔިތުންނަށް ވެސް 90 ދުވަހުގެ ޓޫރިސްޓް ވިސާ ހިލޭ ލިބޭނެއެވެ. ނަމަވެސް، މިހާރު އޮންނަ އުސޫލުގެ ބަދަލުގައި ދެން ވިސާގެ ކަންކަން ކުރިއަށްދާނީ އީޓީއޭ ނިޒާމުގެ ތެރެއިންނެވެ.
ސްރީލަންކާ ސަރުކާރުގެ މި ނިންމުމަކީ އެގައުމުގެ ބޯޑަރު މެނޭޖްމަންޓް ހަރުދަނާކޮށް، ގައުމަށް އެތެރެވާ މީހުން މޮނިޓަރ ކުރުން އިތުރަށް ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެކެވެ. މިއީ ސަރަހައްދީ ގައުމުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ގޮތަށް އަންނަމުންދާ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސްރީލަންކާގެ މި ނިންމުމަކީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، މި އަމާންކަން ދެމެހެއްޓުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ދެފުށް ފެންނަ، ވަރުގަދަ ނިޒާމަކަށް ހެދުން މުހިންމެވެ.
ފަހަކަށް އައިސް ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެވާ މި ސަރަހައްދުގެ ގައުމުތަކުގެ މީހުންނާއި، ލިޔެކިޔުން ނެތް މަސައްކަތްތެރިންގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުމާއި، ވިސާގެ މުއްދަތު ހަމަވުމަށްފަހު ގައުމުން ބޭރުނުވެ ތިބޭ މީހުން ދެނެގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ރާއްޖޭގައިވެސް މިފަދަ އިލެކްޓްރޯނިކް އޮތޮރައިޒޭޝަން ނިޒާމެއް ގާއިމުކުރުމަކީ ޒިޔާރަތްކުރާ މީހުން ދުރާލައި ސްކްރީންކޮށް، އެތެރެވާ މީހުންގެ މައުލޫމާތު ދެނެގަތުމަށް ލިބޭނެ ބޮޑު އެހީއެކެވެ. މީގެ އިތުރުން، ކުރު މުއްދަތުގެ ވިސާ ނަގައިގެން އައިސް ނާޖާއިޒު ފައިދާ ނަގާ މީހުން ހުއްޓުވުމަށްވެސް މިފަދަ ނިޒާމެއްގެ ބޭނުންތެރިކަން ބޮޑެވެ.
މިފަދަ ފިޔަވަޅުތަކަކީ ގައުމު އެކަހެރިކުރުމެއް ނޫނެވެ. އެހެނަސް، މިއީ ރާއްޖެއަކީ ރައްކާތެރި، ނިޒާމީ ގޮތެއްގައި ކަންކަން ބަލަހައްޓާ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ސަރަހައްދީ ހިޖުރަކުރުމުގެ މައްސަލަތައް އޮޅުންބޮޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމީ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.





