އަލެގްރީ ވަކިކުރުމަށްފަހު މިލާންގެ ކޯޗުކަމަށް އިރައޯލާ އާއި ޒަވީގެ ނަން ކުރިއަށް

އޭސީ މިލާންގެ ކޯޗުކަމުން މާސިމިލިއާނޯ އަލެގްރީ ވަކިކޮށް، އެ ކްލަބް އަލުން ބިނާކުރުމުގެ ބޮޑު މަޝްރޫއެއް އެ ކްލަބުން މިއަދު ފަށައިފިއެވެ. މި ސީޒަނުގައި އެއްވެސް ތައްޓެއް ކާމިޔާބު ނުވުމުގެ އިތުރުން، އިޓަލީ ލީގުގެ ފަސްވަނައިގައި ނިންމާލަން ޖެހުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން މިލާނަށް ވަނީ ފުރުސަތު ގެއްލިފައެވެ.

މި ނިންމުމާއެކު މިލާންގެ މެނޭޖްމަންޓަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސްޕޯޓިންގް ޑިރެކްޓަރު ލެގްލީ ތާރީ އާއި، ސީއީއޯ ޖޯޖިއޯ ފުރުލާނީގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު ޖެފްރީ މޮންކާޑާ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ކްލަބްގެ ވެރިޔާ ޖެރީ ކާޑިނާލޭ އާއި މުޝީރު ޒްލަޓާން އިބްރަހިމޮވިޗް މަސައްކަތް ކުރަމުންދަނީ ކްލަބް މުޅިން އަލުން ބިނާކޮށް، ކުރީގެ ކާމިޔާބީތައް އަނބުރާ ހޯދުމަށެވެ.

ކޮރިއޭ ޑެލޯ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި، މިލާނުން ބޭނުންވަނީ ކޯމޯގެ ކޯޗު ސެސްކް ފަބްރެގާސް ފަދަ، ޒަމާނީ އަދި އެޓޭކިންގް ފުޓްބޯޅައަކަށް ލޯބިކުރާ ކޯޗެކެވެ. މި ވަގުތު އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ދެ ކޯޗުން ކަމަށްވާ އެންޑޯނީ އިރައޯލާ އާއި ޒަވީ ހެނާންޑޭޒް އެވެ.

ސްކައި ސްޕޯޓްސް އިން ބުނާ ގޮތުގައި، މިލާނުން މިހާރު ވަނީ އިރައޯލާގެ އޭޖެންޓުންނާ ވާހަކަ ދައްކަން ފަށާފައެވެ. އުމުރުން 44 އަހަރުގެ އިރައޯލާ ވަނީ ބޯންމައުތާއެކު ކާމިޔާބު ސީޒަނެއް ނިންމާލައި، އެ ޓީމު ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ. އަނެއްކޮޅުން ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހުރީ މިދިޔަ ޖޫން މަހުން ފެށިގެން އެއްވެސް ކްލަބަކާ ހަވާލުނުވެއެވެ.

މިލާންގެ ކޯޗުކަމަށް ކުރިން އެންޓޯނިއޯ ކޮންޓޭގެ ނަން ވެސް އިވުނު ނަމަވެސް، މިހާރު ބޮޑަށް ބެލެވެނީ ސްޕެއިންގެ ކޯޗަކު އެ މަގާމަށް އަންނާނެ ކަމަށެވެ. މި ބަދަލުތަކާއެކު މިލާންގެ ސަޕޯޓަރުން އުއްމީދު ކުރަނީ އަންނަ ސީޒަނުގައި ޓީމުގެ ނަތީޖާތައް ރަނގަޅުވެ، އަލުން ޔޫރަޕްގެ ގަދަ ބާރަކަށް ވުމަށެވެ.

ހިއްސާ ކުރައްވާ!