ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު ޒުހްރާން މަމްދާނީ، މިއަހަރުގެ އަޟްހާ އީދު ފާހަގަކުރެއްވުމަށް ބޭއްވި ހަރަކާތެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް އާސެނަލްގެ ޖާޒީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ކުރުތާއެއް ތުރުކުރައްވައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވައިފިއެވެ.
އީދުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި މަމްދާނީ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަޟްހާ އީދުގެ ގުރުބާނީއަކީ ބުރައެއް ނޫންކަމާއި، އެއީ ތިމާގެ އަމިއްލަ ނަފްސަށްވުރެ ބޮޑު ކަމެއްގެ ބައެއްގެ ގޮތުގައި ދެކުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމު ފުރުއްވާ ފުރަތަމަ މުސްލިމް މޭޔަރުގެ ހައިސިއްޔަތުން މަމްދާނީ ވިދާޅުވީ، އެ މަގާމުގައި ހުންނެވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި، އޭނާގެ އަމާޒަކީ އެއްބައިވަންތަކަމާއެކު ސިޓީ ހިންގުން ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ނިއުޔޯކްގެ ކޮންމެ ރައްޔިތަކަށްވެސް ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، އަދި ކުދިން ބެލެހެއްޓުމުގެ ހިދުމަތްތައް އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހެދުމަށް،" މަމްދާނީ ވިދާޅުވިއެވެ.
މަމްދާނީ ތުރުކުރައްވައިގެން ހުންނެވި ނޫ އަދި ކަޅު ކުލައިގެ ކުރުތާ ފަރުމާކޮށްފައިވަނީ އާސެނަލްގެ ޖާޒީގެ ކުލަތަކާއި، ރަތް ކުލައިގެ ރީތި ރޮނގުތަކެއް ހިމަނައިގެންނެވެ. އަދި އެ ހެދުމުގައި އެ ކްލަބުގެ މައި ސްޕޮންސަރު ގެ ޝިއާރުވެސް ވެސް ލިޔެފައިވެއެވެ. މަމްދާނީއަކީ އާސެނަލްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.
އާސެނަލްއާ ގުޅޭގޮތުން މަމްދާނީ މިފަދަ ހެދުމެއް ތުރުކުރެއްވިއިރު، އެ ކްލަބުން ވަނީ 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދާދިފަހުން ހޯދާފައެވެ. އާސެނަލް ލީގު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސްއާ ބައްދަލުކޮށް 2-1 އިން މޮޅުވެގެންނެވެ.
މީގެ އިތުރުން މައިކަލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅޭ އާސެނަލް ޓީމު އަންނަނީ މޭ 30 ވަނަ ދުވަހު ބުޑަޕެސްޓްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވަމުންނެވެ. މި މެޗުން މޮޅުވެއްޖެނަމަ އާސެނަލްއަށް ތާރީހީ ޑަބަލްއެއް ކާމިޔާބު ކުރެވޭނެއެވެ.







