މެލޭރިއާ ޖައްސާ އާބާވަތެއްގެ މަދިރި ލަންކާއިން ފެނިއްޖެ

ސްރީލަންކާ އިން މެލޭރިއާ ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ފަދަ އާ ބާވަތެއްގެ މެލޭރިއާ ޕެރަސައިޓެއް ފެނިފައިވާތީ، އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށް އިންޒާރު ނެރެފިއެވެ.

ސްރީލަންކާގެ ނޭޝަނަލް އެންޓި-މެލޭރިއާ އެންޑް މަސްކިޓޯ ކޮންޓްރޯލް ކެމްޕޭނުގެ ޑިރެކްޓަރު ޑރ. ޕްރަސަންގަ ސޭރަސިންގހަ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެ ޤައުމުން މެލޭރިއާގެ 34 ކޭސް ރިޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 7 ކޭސް ވަނީ ފެނިފައެވެ.

ޞިއްޙީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަލަށް ފާހަގަކުރެވުނު ޕެރަސައިޓުގެ ސަބަބުން އިންސާނުންގެ އިތުރުން ޖަނަވާރުންގެ ގަޔަށްވެސް ބަލި ފެތުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މިއީ އާންމުކޮށް ފެންނަ މެލޭރިއާ ޕެރަސައިޓުތަކާ ޚިލާފު ސިފައެކެވެ.

މި ޕެރަސައިޓަކީ ދުނިޔޭގައި އުޅޭތާ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްޗެއް ނަމަވެސް، ޖަނަވާރުންގެ ހަށިގަނޑުގައި މިއަށް އާލާވެވޭތީ ބަލި އެއްކޮށް ނައްތާލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޑރ. ސޭރަސިންގހަ ވިދާޅުވިއެވެ. ބަލި ފެތުރެން ފަށައިފިނަމަ، އިންސާނުންގެ އިތުރުން ޖަނަވާރުންނަށްވެސް ފަރުވާ ދޭންޖެހުމަކީ ބަލި ކޮންޓްރޯލްކުރުން އިންތިހާއަށް އުނދަގޫވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އާ ނުރައްކަލުގެ ސަބަބުން މެލޭރިއާ ކޮންޓްރޯލްކުރުމުގައި ސްރީލަންކާ އިން ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން، ބަލި މޮނިޓަރުކުރުމުގެ މަސައްކަތްތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަޅުތައް އެޅުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!