ކެނެޑާއިން އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައިފި

ކެނެޑާގެ ތާރީޚުގައި މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނު ނަސްލުގެ އަފްޒާލް އާއިލާގެ 4 މެންބަރުން މަރާލި ހާދިސާއަށް 5 އަހަރު ފުރުމާ ދިމާކޮށް، ކެނެޑާގައި މޫލާފައިވާ އިސްލާމްފޯބިއާގެ ސަގާފަތް ނައްތާލުމަށް ގޮވާލައި މުސްލިމް ޖަމްއިއްޔާއަކުން ތާރީޚީ ޕޮލިސީ ހޭންޑްބުކެއް ނެރެފިއެވެ.

ކެނޭޑިއަން މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް އިން "ކޮމްބެޓިންގ އިސްލާމްފޯބިއާ: އެ ޕޮލިސީ ހޭންޑްބުކް" އިފްތިތާޙުކުރީ 2021 ޖޫން 6 ގައި އޮންޓޭރިއޯގެ ލަންޑަން ސިޓީގައި ހިނގި ލޭއޮހޮރުވުމުގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ. މި ފޮތަކީ އަފްޒާލް އާއިލާގެ ހަނދާނުގައި ނެރުނު ހަދިޔާއެއްގެ އިތުރުން، ކެނެޑާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ނިޒާމީ ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރަށް ދެއްކި މަގުޗާޓެކެވެ.

ސީއެމްޕީސީން ބުނާގޮތުގައި، ޖީ7 ގެ ޤައުމުތަކުގެ ތެރެއިން މުސްލިމުންނަށް އަމާޒުކޮށް އެންމެ ގިނައިން ޖަރީމާތައް ހިންގާފައިވާ ޤައުމަކީ ކެނެޑާއެވެ. މި 30 ސަފުހާގެ ހޭންޑްބުކުގައި ފާހަގަކޮށްފައިވަނީ، އިސްލާމްފޯބިއާއަކީ ހަމައެކަނި ވަކިވަކި ފަރުދުން ހިންގާ ނަފުރަތުގެ ކުށްތަކެއް ނޫން ކަމަށާއި، އެއީ ކެނެޑާގެ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، އަދި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ރޭވިގެން ހިނގަމުންދާ ކަމެއް ކަމަށެވެ.

ޚާއްޞަކޮށް، ޤައުމީ ސަލާމަތާ ބެހޭ އޮނިގަނޑުތަކާއި، ބޯޑަރު ކޮންޓްރޯލް ކުރާ އެޖެންސީ އިން މުސްލިމް ދަތުރުވެރިންނާ މެދު ނަސްލީގޮތުން ތަފަތުކޮށް ހަދާކަމާއި، އަދި އިސްލާމީ ކޮންފަރެންސްތަކަށް ވަޑައިގަންނަވާ ދީނީ އިލްމުވެރިންނަށް ވިސާ ދިނުމުގައި ގެންގުޅޭ ހަރުކަށި އުޞޫލުތައް ހޭންޑްބުކުގައި ވަނީ ކުށްވެރިކޮށްފައެވެ. މީގެއިތުރުން، މުސްލިމް ޖަމްއިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް އޮޑިޓްކުރުމުގައި ދައުލަތުން ބޭއިންސާފުން ފާރަލަމުންދާކަން ޕާލަމެންޓްރީ ދިރާސާތަކާ ޙަވާލާދީ ހާމަކޮށްފައިވެއެވެ.

މި ބޮޑު ނާކާމިޔާބީއިން އަރައިގަތުމަށް، މުޅި ކެނެޑާގެ ސަރުކާރު ޝާމިލުވާ ގޮތަށް އިސްލާމްފޯބިއާއާ ދެކޮޅު ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ސީއެމްޕޭސީން ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި، މިސްކިތްތަކާއި، ކޮމިއުނިޓީ ސެންޓަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި މަދުވެގެން 40 މިލިއަން ޑޮލަރުގެ ދާއިމީ ފަންޑެއް ފެޑެރަލް ސަރުކާރުން ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.

"ސަރުކާރުތަކުން ހަމައެކަނި ބަޔާންތައް ނެރުމާއި، އިސްލާހީ ފިޔަވަޅުތައް ލަސްކުރުމުގެ އަގު ދައްކަންޖެހެނީ މުސްލިމުންގެ ފުރާނައިން،" ހޭންޑްބުކުގައި ބުނެފައިވެއެވެ. އަދި ނަފުރަތުގެ އަމަލުތައް ހިނގާ ވަގުތުތަކުގައި ފުލުހުންނާއި މުސްލިމް މުޖުތަމައުއާ ދެމެދު އަވަސް މުވާސަލާތީ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ އެދިފައެވެ.

5 އަހަރުވީ ނުރައްކާތެރި ހަމަލާ

2021 ޖޫން 6 ވަނަ ދުވަހުގެ ރޭގަނޑު، މަގުމަތިން ހިނގާފައި ދަނިކޮށް ދޮން މީހުންގެ މަތިވެރިކަން ގަބޫލުކުރާ ހަރުކަށި ފިކުރުގެ ނެތަނިއަލް ވެލްޓްމަން، އޭނާގެ ޕިކަޕް ޓްރަކުން ޖައްސައި އަފްޒާލް އާއިލާ ޝަހީދުކޮށްލީ އެމީހުން މުސްލިމުންނަށް ވީތީއެވެ.

މި ހަމަލާގައި 46 އަހަރުގެ ފިޒިއޮތެރަޕިސްޓް ސަލްމާން އަފްޒާލް، އޭނާގެ އަންހެނުން މަލީޙާ ސަލްމާން، 44، އެމީހުންގެ 15 އަހަރުގެ އަންހެން ދަރިފުޅު ޔުމްނާ އަފްޒާލް، އަދި ސަލްމާންގެ 74 އަހަރުގެ މަންމަ ޠަލްޢަތު އަފްޒާލް ވަނީ ޝަހީދުވެފައެވެ. މި ހާދިސާއިން ސަލާމަތްވީ ސީރިއަސް އަނިޔާތަކެއް ލިބުނު އެމީހުންގެ 9 އަހަރުގެ ފިރިހެން ދަރިފުޅު އެކަންޏެވެ.

ކެނެޑާގެ ކޯޓުތަކުން މި ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައަޅައި ވެލްޓްމަންގެ މައްޗަށް ކުށް ސާބިތުކުރި ނަމަވެސް، މުސްލިމް މުޖުތަމައުން ބުނަނީ ހަމައެކަނި ކޯޓު ޙުކުމަކުން ނުވަތަ ރަމްޒީ ހަނދާންތަކަކުން އިންސާފު ގާއިމުނުކުރެވޭނެ ކަމަށެވެ. މުސްލިމުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ހަގީގީ ބަދަލުތަކެއް ގެނެސްގެންނެވެ.

ހިއްސާ ކުރައްވާ!