pixabay
pixabay

އިސްލާމީ ތެދުވެރި މީޑިއާގެ ރިސާލަތާއި އޭގެ މަތިވެރި އަދަބުތައް

މި ލިޔުން އިނގިރޭސި ބަހުން ވިދާޅުވުމަށް މި ލިންކަށް ވަޑައިގަންނަވާ!

ތެދުވެރި މީޑިއާއަކީ، އަބަދުވެސް ޙަޤީޤަތް ހޯދުމަށް ފަސްނުޖެހި މަސައްކަތްކުރާ ވަސީލަތެކެވެ. މީޑިއާ އާއި ތެދު ޙަޤީޤަތަކީ އެއް ފައިސާފޮއްޗެއްގެ ދެފަރާތް ފަދަ، ވަކިނުކުރެވޭނެ ދެ އަސާސެވެ.

މީޑިއާ އެތައް ވައްރަކަށް ގިންތިކޮށްލެވެއެވެ.

  • ޙަޤީޤަތުގެ ހަމައެކަނި އެއްބައި ހާމަކުރާ މީޑިއާ.
  • ޙަޤީޤަތް ފާޅުކުރަން ޖެހިލުންވާ މީޑިއާ.
  • ޙަޤީޤަތް ފޮރުވައި، އެއާ ދެކޮޅަށް ހަނގުރާމަކުރާ މީޑިއާ.

މީޑިއާގެ އަދަބިއްޔާތާއި އޭގެ މަޤްޞަދު

މީޑިއާގެ އަދަބިއްޔާތަށް ބަލާއިރު، އެނގޭ ކޮންމެ އެއްޗަކީ ދައްކަންޖެހޭ ވާހަކައެއް ނޫނެވެ. އަދި ދައްކާ ކޮންމެ ވާހަކައަކީ ތެދު ވާހަކައެއްވެސް ނޫނެވެ. އަދި ޙައްޤުވެރި ކޮންމެ ވާހަކައަކީ އޭގެ ވަގުތު ޖެހިފައިވާ ވާހަކައެއްވެސް ނޫނެވެ.

މީޑިއާއަކީ، ޖުމްލައެއްގެ މެދުގައިވާ އަކުރެކެވެ. ފޮޅުވަތް ނިންމާލުމަށް ޖަހާ ފުލްސްޓޮޕެއްވެސް ނޫނެވެ.

މީޑިއާގެ ސަބަބުން ދުރުގައިވާ އެއްޗެހި ގާތްވެ އެވެ. މި ތަނަވަސް ބޮޑު ދުނިޔެ ކުޑަކުޑަ އަވަށަކަށް ބަދަލުވެގެންދެއެވެ. އެ އަވަށުގެ ކޮންމެ ތަފްޞީލެއް ހިމުންކޮށް ފާޅުކޮށްލެވެއެވެ.

މީޑިއާގެ ދައުރަކީ މަތިވެރި ދައުރެކެވެ. އޭގެ ދައުރަކީ މުޖުތަމަޢުގައި ރީތި އަގުތަކާއި އާދަތައް އަށަގަންނުވައި، ހިތްވަރު ދިނުމެވެ.

ތާރީޚުގެ ތެރެއިން މީޑިއާގެ ނުފޫޒު

ކުރިންވެސް މީޑިއާގެ މުހިންމުކަން ދެނެގަނެ، އެއަށް ޙައްޤު މަޤާމު ދީފައި ވެއެވެ. ހިޓްލަރުގެ މީޑިއާ މިނިސްޓަރު، ޖޯސެފް ގުބެލްސް ބުންޏެވެ!

"ޟަމީރެއް ނެތް މީޑިއާއެއް އަހަންނަށް ދޭށެވެ. އޭރުން ހޭލުންތެރިކަމެއް ނެތް ޖާހިލު ރައްޔިތެއް އުފައްދައި ދޭނަމެވެ."

ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

 لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ
ޞަދަޤާތް އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙައެއް އުފެއްދުމަށް އަމުރު ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ.  (އައްނިސާ: 114)

މީޑިއާގެ މައިގަނޑު އަދި އަސާސީ މަސްއޫލިއްޔަތަކީ ތެދު ގެނަސް ދިނުމެވެ. މުނާސިބު ވަގުތުގައި މުނާސިބު ގޮތަށެވެ.

އިންސާނާ ފޮރުވިފައިވަނީ އޭނާގެ ދުލުގައެވެ. ހިތުގައިވާ އެއްޗެއް، ދުލުން ބޭރުވާ ކުށް ބަސްތަކުން އޭނާގެ ހަގީގަތް ހާމަވެގެންދެއެވެ.

ހެޔޮ ބަހަކީ، ވެރި ރަސްކަލާނގެ ބަޔާންކޮށްދެއްވާފައިވާ ފަދައިން، އޭގެ މޫތައް ބިމުގައި ހަރުލައި، އޭގެ ގޮފިތައް އުޑާ ހަމައަށް ފެތުރިފައިވާ އެއްޗެކެވެ. އެއީ އުންމަތްތައް ބިނާކޮށް، ޒަޚަމްތަކުގައި ބޭސްއަޅައި، ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ.

ކާއިނާތުގެ ކުދި މަޚްލޫޤުންގެ ކިބައިން ވެސް މީޑިއާގެ ފަންނުގެ ފިލާވަޅުތައް ލިބެއެވެ.

މާތްﷲ އެކަލާނގެ ނަބިއްޔުން ޢިލްމާއި ޙިކުމަތާއެކު ފޮނުއްވާ ފަދައިން، އެކަލާނގެ މަޚްލޫޤުންގެ ތެރެއިންވެސް ބައެއް މެސެންޖަރުން ފޮނުއްވައެވެ. އެ ސޮރުމެންނަކީ، އަހަރަމެންގެ ލޮލަށް ނިކަމެތި އެއްޗެތި ކަމުގައި ފެނިދާނެ މަޚްލޫޤުންނެވެ.

ކާޅު ފަދަ ތަކެއްޗެވެ! އެސޮރުމެން ޖަނަޒާއެއް ކުރިއަށް ގެންދާނެ ގޮތް ދަސްކޮށްދެއެވެ!

ހުދުހުދާއި ހިނި ފަދަ މަތިވެރި ދެ މަޚްލޫޤުންވެސް ފިލާވަޅު ނަގައި ދެއެވެ! މިސޮރުމެންގެ ފުށުންވެސް މީޑިއާގެ ފަންނާއި އޭގެ ރީތި އަދަބުތައް އިންސާނުންނަށް ދަސް ކޮށްދެއެވެ!

ހިނީގެ މީޑިއާ ޚިޠާބު:

 قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ
އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ. (އައްނަމްލު: 18)

ކުރުކޮށް 10 ލަފްޒުގެ ތެރޭގައި، ހިނި އެ ވަނީ މެސެޖު ބައްޓަން ކުރުމާއި އެސެޖުގެ އަސަރު ފޯރުވުމުގެ 10 ވަޞީލަތެއް ބޭނުންކޮށްފައެވެ. ސުބްޙާނަﷲ! މިއީ ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ އެ ހިނި ވަނީ މި 10 ލަފްޒުން މުޅި މީޑިއާގެ މެސެޖު ފުރިހަމައަށް ބައްޓަން ކޮށްފައެވެ.

  1. ގޮވައިލުން: (يَا: އޭ) މި ބަހުންނެވެ.
  2. ސަމާލުކަން ހޯދުން: (أَيُّهَا: ކަލޭމެން) މި ބަހުންނެވެ.
  3. މީޑިއާ މެސެޖު ރައްދުވާ ފަރާތް: (النَّمْلُ: ހިނިތަކާއެވެ.) މި ބަހުންނެވެ.
  4. ނުރައްކަލުގެ އިންޒާރުގެ މެސެޖު: (ادْخُلُوا: ވަންނާށެވެ!) މި ބަހުންނެވެ.
  5. އެޑްވައިޒަރީއާއި ނަޞޭޙަތްދިނުން: (مَسَاكِنَكُمْ: ކަލޭމެންގެ ގޭގެއަށް) މި ބަހުންނެވެ.
  6. ނުރައްކަލަށް އިންޒާރުދިނުމުގެ މެސެޖު: (لَا يَحْطِمَنَّكُمْ ފިސްފިސް ނުކުރުމަށްޓަކައެވެ) މި ބަހުންނެވެ.
  7. ވަކި މީހަކެއްގެ ވާހަކަ ޚާއްޞަކުރުން: (سُلَيْمَانُ) މި ބަހުންނެވެ.
  8. ވަކި ބައެއްގެ ވާހަކަ ޢާއްމުކުރުން: (وَجُنُودُهُ: އެކަލޭގެފާނުގެ ލަޝްކަރު) މި ބަހުންނެވެ.
  9. އިޝާރާތަކުން އެންގުން: (وَهُمْ: އެބައިމީހުން) މި ބަހުންނެވެ.
  10. ޔެހޮ ނިޔަތާއެކު ޢުޛުރުވެރި ކޮށްދިނުން: (لَا يَشْعُرُونَ: ނޭނގިތިބެ) މި ބަހުންނެވެ.

މީޑިއާގެ މެސެޖަކީ، މަދު ލަފްޒުތަކެއް، ސާފު ބަހުން، ސާބިތުކަމާއެކު، އަދި ތެދުވެރި ގޮތަކަށް ގެނަސްދިނުމެވެ.

މުރާސިލު ހުދުހުދުގެ ރިޕޯޓިންގ:

ހިނީގެ މި ވާހަކައާއެކު ނަމްލު ސޫރަތުގައި ދެން އަންނަނީ ހުދުހުދުގެ ވާހަކައެވެ. ސުލައިމާނުގެފާނު ލަޝްކަރު ރުކުރުވާލައްވައި އިންސްޕެކްޓް ކުރެއްވި ހިނދު ވިދާޅުވިއެވެ!

مَا لِيَ لَا أَرَى الْهُدْهُدَ
އަހުރެންނަށް ހުދުހުދު މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ (އައްނަމްލު: 20)

ވެރިންނާއި ލީޑަރުންގެ ޚާއްސަ މިސާލެއް މިއިން ފާހަގަ ވެގެން ދެއެވެ. ތިމާގެ ރައްޔިތުންގެ ޙާލުބަލައި ހޯދައެވެ. އެފަދަ މަގާމެއްގައި ވެރި މީހާ އެހެން މީހުން ކުށްވެރިއެއް ނުކުރެއެވެ! ކިއެއްތަ؟ ފުރަތަމަވެސް އަމިއްލަ ނަފްސަށް ޒިންމާ ނަގަމުން އެހެރަގެން ވިދާޅުވަނީ: (އަހުރެންނަށް ހުދުހުދު މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟)

މާނައަކީ ހުދުހުދު ހާޒިރުވެ ސަފުގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ މަގާމުގައި ހުރެދާނެއެވެ. އެކަމަކު ތިމާގެ އަމިއްލަ ލޮކަށް ނުފެނި ދާނެއެވެ.

އެއާ ޚިލާފަށް "ހުދުހުދު ކޮބައި ހެއްޔެވެ؟" މިފަދައިން ވިދާޅުވި ނަމަ، އެއީ އޭނާ ނެތްކަން ސުލައިމާނަށް ޔަޤީންކޮށް ކަށަވަރު ކުރެއްވުން ފަދަ ކަމެކެވެ.

އެއަށް ފަހު ދެން، ސުލައިމާނުގެފާނު ވިދާޅުވިއެވެ.

لَأُعَذِّبَنَّهُ عَذَابًا شَدِيدًا أَوْ لَأَذْبَحَنَّهُ أَوْ لَيَأْتِيَنِّي بِسُلْطَانٍ مُّبِينٍ
ހަމަކަށަވަރުން، (އޭތީގެ ޢުޛުރެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ ޢުޤޫބާތެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ. (އައްނަމްލު: 21)

ވެރިމީހާގެ އިންސާފުވެރިކަމަކީ، އޭނާގެ ނިޔައުކަނޑައެޅުމުގައި ޢަދުލުވެރި ވުމެވެ. ޖަޖްމެންޓަލް ނުވުމެވެ. އަދި އަދަބު ދިނުމުގެ ކުރިން ދިފާއުވުމަށް ފުރުސަތު ދިނުމެވެ. މި ރޫޙު މިއާޔަތުން ސާބިތު ވެއެވެ.

މި މަންޒަރުގައި ކީރިތި ޤުރުއާނުގައި ދެން ބަޔާންވެގެންވަނީ ހުދުހުދު އައިސް އޭނާގެ ރިޕޯޓު އިއްވި ގޮތެވެ!

 فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ
ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (ޔަމަނު ކަރައިގެ) ސަބާއިން ޔަޤީން ވެގެންވާ ޚަބަރަކާއިގެންނެވެ. (އައްނަމްލު: 22)

ހުދުހުދު މުރާސިލުގެ މަސައްކަތް ވަޒަން ކޮށްލާއިރު:

  • ބްރޭކިންގ ނިއުސް! ލަހެއް ނުވެއެވެ. (غَيْرَ بَعِيدٍ މާދުރުނޫން ތަނެއްގައި) އެވެ.
  • ޚަބަރު ގެންނަނީ ފުރިހަމަ ޔަގީން ކަމާއެކުގައެވެ. (أَحَطتُ: ތިމަންނާއަށް އެނގިއްޖެއެވެ.) އެވެ.
  • ހަގީގަތް ހޯދުމަށް ބުރަކޮށް މަސައްކަތް ކުރިއެވެ. (جِئْتُ: ތިމަންމިއައީ) ލޭޒީ ޖާނަލިޒަމެއް ނޫނެވެ! ހަގީގަތް ހޯދީ މައިދާނަށް ގޮސްގެންނެވެ.
  • ރިޕޯޓިންގެ ބަސްމަގުގެ ފުރިހަމަކަމާއެވެ! ބަސްތައް އަތުރާލީ ވަޒަން ފުރިހަމަކޮށް ރައިމް ވާ ގޮތަށެވެ. (سَبَإٍ بِنَبَإٍ: ސަބާއިން ޚަބަރަކާއިގެންނެވެ.)
  • ޚަބަރުގެ ތެދުވެރިކަން ޔަހީކޮށް ކަށަވަރުކޮށް ދެއެވެ. އޭނާގެ ޚަބަރަކީ ޝައްކެއް އަދި އެހެން މާނަކުރުމެއް ނެތް ސާފު ރިޕޯޓެކެވެ. (يَقِينٍ: ޔަޤީން ވެގެންވާ).

ޚަބަރުގެ ތަފްޞީލާއި އޭގެ އިންޑެޕްތު ރިޕޯޓިން

ހުދުހުދު އޭނާގެ ޚަބަރު އިތުރަށް ތަފްޞީލުކޮށްދިނެވެ.

إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ
އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ ތަޚުތެއް ވެއެވެ. (އައްނަމްލު: 23)

  • ޔަގީންކަމާއެކު ފެކްޓް ރިޕޯޓް ކުރުން: (إِنِّي، وَجَدتُّ: ތިމަންދުށީމެވެ.) އިންނެވެ.
  • ބަސްމަގުގެ ބަލާޣާތްތެރިކަން: (امْرَأَةً: ކަމަނާއަކު) ނަން ހާމަނުކޮށް ރިޕޯޓު ކުރެއެވެ. އެއީ ރާނީއެއްކަމާއި އޭނާގެ ނަމަކީ ބަލްޤީޞްކަން އެނގޭއިރުވެސް، އެކަންކަން ދޫކޮށްލީ އޭނާގެ ދަރަޖަ ކުޑަކުރުމަށެވެ. ސަބަބަކީ އޭނާއަކީ މުޝްރިކެއް ކަމުން މާތްކޮށް ހިތުން ޙައްޤު ނުވާތީ ކަމަށް ބަލާފައެވެ.
  • ފަރުވާތެރިކަމާއެކު ލަފްޒުތައް ބޭނުން ކުރުން: (تَمْلِكُهُمْ: އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ).
  • ފުރިހަމަ މައުލޫމާތު ހޯދުން: (أُوتِيَتْ مِن كُلِّ ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ.)

وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ اللَّهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ
އެކަމަނާއާއި، އެކަމަނާގެ ޤައުމުގެމީހުން، ﷲ ފިޔަވައި އިރަށް ސަޖިދަ ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި ޝައިޠާނާ އެއުރެންނަށް އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. (އައްނަމްލު: 24)

  • އަމިއްލައަށް ޔަގީން ކުރެވުނުކަން ރިޕޯޓު ކުރުން: (وَجَدتُّهَا: ތިމަންދުށީމެވެ.) އިންނެވެ.
  • އެކްސްކްލޫސިވް ރިޕޯޓިން: (يَسْجُدُونَ لِلشَّمْسِ: އިރަށް ސަޖިދަ ކޮށް އުޅޭތީ)
  • ދީނުގެ އަސާސްތަކަށް ޣީރަތްތެރިވުން: (مِن دُونِ اللَّهِ: ﷲ ފިޔަވައި)
  • މަންޒަރު ތަޙުލީލުކޮށް، ޙަޤީޤަތް ހާމަކުރުން: (وَزَيَّنَ لَهُمُ الشَّيْطَانُ ޝައިޠާނާ އެއުރެންނަށް އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ.)
  • މާނަ ޚުލާޞާކޮށްދިނުން: (فَهُمْ لَا يَهْتَدُونَ: ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ.)

 أَلَّا يَسْجُدُوا لِلَّهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ
އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ ﷲއަށް ސަޖިދަ ނުކުރުމަށް ޝައިޠާނާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. (އައްނަމްލު: 25)

މީޑިއާ ރިޕޯޓަރު ނުވަތަ މުރާސިލަކީ، ޙިކުމަތްތެރި، ހޭލުންތެރި، އަދި ތޫނުފިލި މީހެކެވެ.

ސުލައިމާނުގެ މީޑިއާގެ ހުދުހުދުފަދަ މުރާސިލަކަށް އުންމީދު ކުރެވެއެވެ.

https://widelensreport.com/what-a-hoopoe-and-an-ant-taught-us-about-journalism/

ހިއްސާ ކުރައްވާ!