ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތަކީ، ދުނިޔޭގެ އެންމެމަތީ ފަންތީގެ ޚާރިޖީ ވުޒާރާތަކަށް މީހުން ތަމްރީނުކުރާ މަރުކަޒުތަކުން ވެސް ދަސްނުކޮށްދޭނެ ފަދަ މަތިވެރި "ޕްރޮޓޮކޯލް" ތަކަކާއި ޑިޕްލޮމެޓިކް އަދަބުތަކެއް އިންސާނިއްޔަތަށް އުނގަންނައިދޭ ސޫރަތެކެވެ. އިލްމީ ނަޒަރަކުން ބަލާއިރު، މި ސޫރަތަކީ މުޅި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ﷲ ރާއްވަވާފައިވާ ރައްކާތެރިކަމުގެ ބޮޑު "އިން ފާރެކެވެ".
"ޙުޖުރާތު" ގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ "ޙުޖުރާ" (ކޮޓަރި) ގެ ޖަމްޢުއެވެ. އެއީ އިން ފާރަކުން ވަކިކުރެވި، އޭގެ އެތެރޭގައިވާ މީހާގެ ނިވާކަމާއި ޚުޞޫޞިއްޔަތު، ޕްރައިވެސީ ރައްކާތެރިކޮށްދޭ ތަނެކެވެ.
މި ސޫރަތަށް މި ނަން ދެވިފައިވަނީ ހަމައެކަނި ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކަށް ނިސްބަތްކޮށެއް ނޫނެވެ. އެއީ، މުޅި މުޖުތަމަޢުގެ އަބުރާއި، ދޭދޭ ފަރުދުން މުޢާމަލާތްކުރުމާއި، މުޖުތަމައުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ ސާބިތު އުޞޫލުތަކުގެ ބޮޑު އިންފާރު މި ސޫރަތުގައި ބަޔާން ކުރައްވާފައި ވާތީއެވެ.
ސޫރަތުން ދަސްކޮށްދޭ މުހިންމު ޕްރޮޓޮކޯލްތައް
މި ސޫރަތް ފެށިގެން އަންނަނީ ވެރިންނާއި، މަތީ މަޤާމުތަކުގެ ބޭފުޅުންނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމުގެ މަތިވެރި އުޞޫލުންނެވެ. ރަސޫލާ ﷺ ގެ އަޑުފުޅަށްވުރެ އަޑު ހަރުނުކުރުމަށް އަމުރުކުރެއްވިއެވެ. އެއަށްފަހު، މީހުންގެ ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރުމުގެ ގޮތުން، ކޮޓަރިތަކުގެ ބޭރުން ހަޅޭއްލަވައި ނުގޮވުމަށް އެންގެވިއެވެ. އެއީ ބުއްދިވެރިކަމެއް ނޫންކަމަށް ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، މިއަދުގެ ޑިޕްލޮމެސީގައި މި ކިޔާ "މަޢުލޫމާތުގެ ސަލާމަތްތެރިކަން" (Information Security) ﷲ ތަޢާލާ ވަނީ އެންމެ ކުރު ޢިބާރާތަކުން ބަޔާންކުރައްވާފައެވެ:
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴿6﴾
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
ބަޔަކު މީހުން ދޭ ގޮޑު ޚަބަރަކާ ހެދި ދޭދޭ ގައުމުތަކުގެ މެދުގައި ހަނގުރާމައެއްވެސް ފެށިދާނެއެވެ! ޖާސުސީ އިދާރާތަކުން އެއްގައުމާ ދެކޮޅަށް އަނެއް ޤައުމަށް ޗިޕް ޖަހަނީ އެބީދައިން ނޫން ހެއްޔެވެ؟
މިއީ ދޮގު ޚަބަރުތަކުގެ ސަބަބުން ދައުލަތްތަކާއި މުޖުތަމަޢުތައް ސުންނާފަތިވިޔަ ނުދިނުމަށް އޮތް އެންމެ ވަރުގަދަ ސިޔާސަތެވެ. އަދި ދެ ބަޔަކު ދެބަސްވާނަމަ، މައްސަލަ ބޮޑުވުމުގެ ކުރިން ވަގުތުން "އިޞްލާޙުކުރުމަށް" (Conflict Resolution) އެސޫރަތުގައި ބާރުއަޅުއްވައެވެ.
"މުއުމިނުންނަކީ އަޚުންނެވެ" – މާނަފުން ޢިބާރާތެއް
ﷲ ވަޙީކުރައްވައެވެ.
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ ﴿10﴾
މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ!
މިއާޔަތުގައި "ތިޔަބައިމީހުން ދެބަސްނުވާށޭ" ވަޙީ ކުރައްވާފައެއް ނުވެއެވެ. ސަބަބަކީ އިންސާނީ ތަބީޢަތަކީ ދެބަސްވުމެވެ. އެއްބަނޑުއެއްބަފާ އަޚުންވެސް ދެބަސްވާނެއެވެ. ނަމަވެސް، އަޚުވަންތަކަމުގެ މާނައަކީ ދެބަސްވުމުގައި ދާއިމަށް ދެމި ނުތިބުމެވެ. ކޮންމެވެސް ހިސާބަކުން، އާއިލީ މުނާސަބަތެއްގައި ނުވަތަ ޒަރޫރީ ކަމެއްގައި ބައްދަލުވާ ހިނދު، އެ ރުޅިވެރިކަން ފިލައިދާނެއެވެ. ވުމާއެކު، އިޞްލާޙުވުމަކީ އަޚުވަންތަކަމުގެ ނިހާޔަތެވެ.
މުޖުތަމަޢު ހަލާކުކުރާ ނުބައި ސިފަތައް ނައްތާލުން
މި ސޫރަތުގައި ޖަމާއަތާއި މުޖުތަމައުގެ ބަދަހިކަން ގެއްލުވާލާ ފާޅުކަން ބޮޑު 3 ކަމެއް މަނާކުރެއްވިއެވެ. އެއީ:
- މަލާމާތްކުރުން (Sarcasm)،
- ޢައިބު ބުނުން (Insulting)،
- އަދި ނުބައި ނަންނަމުން (Name-calling) ވަނަން ގޮވުމެވެ.
މީގެ ތެރެއިން "ولا تلمزوا أنفسكم" (އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!)
މިއީ، އަޖާއިބެއްފަދަ ބަސްފުޅެކެވެ. މީހަކު އަމިއްލަ ނަފުސަށް ޢައިބެއް ނުކިޔާނެއެވެ. ނަމަވެސް، މީގެ މާނައަކީ ކުރިމަތީގައި ހުރި އަނެކާއަށް ނުސީދާކޮށް "ލާނެތް ބަސްތަކުން" ހަމަލާދިނުމެވެ.
ﷲ ބަޔާންކުރައްވަނީ، ތިބާ އަނެކާއަށް އެފަދައިން ހަމަލާދިނުމަކީ އަމިއްލަ ނަފުސުގެ ދަށްކަން ހާމަކޮށް، އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެއް ކަމަށެވެ.
މީހާގެ ފަސްފަހަތުން ދޭ ހަމަލާތައް ކަމުގައިވާ "ޣީބަބުނުމާއި" އަދި "ޖާސޫސްކުރުން" (Espionage/Spying) މަނާކުރެއްވުމަށްފަހު، ސޫރަތް ނިންމާލައްވަނީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ އެންމެ މަތިވެރި އަސާސުންނެވެ.
وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ ﴿13﴾
އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ.
މި ސޫރަތުގެ މަޤްޞަދާއި އޭގެ ފުންމާނަ ދެނެގަތުމަކީ، ކޮންމެ މުސްލިމަކުވެސް އޭނާގެ ދިރިއުޅުމާއި، މުޖުތަމަޢުގެ ގުޅުންތައް ބިނާކުރަންވީ އެންމެ ފުރިހަމަ ގޮތް ދަސްކޮށްދޭ ދުސްތޫރެވެ.






