އިނގިރޭސިވިލާތުގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާ ނަފްރަތުގެ އަމަލުތައް ރެކޯޑް މިންވަރަކަށް އިތުރުވެ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ބޮޑުވުމާ ގުޅިގެން، އެ ގައުމުގެ މުސްލިމް ކައުންސިލް އޮފް ބްރިޓަން (އެމްސީބީ) އިން އެ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް ރަސްމީކޮށް ގޮވާލައިފިއެވެ.
މި މަސައްކަތުގެ ދަށުން، މިސްކިތްތަކުގެ އިސްވެރިންނަށް އަމާޒުކޮށް "ސެކިއުރިޓީ ޕްރިޕެއާޑްނެސް ފްރޭމްވޯކް" ގެ ނަމުގައި އާ ހޭންޑްބުކެއް ވަނީ ނެރެފައެވެ.
ފާއިތުވި މަސްތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމޯފޯބިއާގެ ނަފްރަތުގެ ކުށްތައް 33 އިންސައްތަ އިތުރުވެފައިވާއިރު، އިސްލާމޮފޯބިއާގެ ހާދިސާތައް މިހާރު ވަނީ ދެ އަހަރު ކުރިއާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައެވެ.
މިސްކިތްތަކުގެ ފާރުތަކުގައި ނަފްރަތުގެ ލިޔުންތައް ލިޔުމާއި، ހުޅުޖަހަން އުޅުމާއި، ފުރައްސާރަ ކުރުމާއި، ބޮމުގެ އިންޒާރު ދިނުން ފަދަ އަމަލުތައް އާންމުވެފައިވާކަން އެ ކައުންސިލުން ފާހަގަކުރެއެވެ. އޮންލައިންކޮށް ފެތުރޭ ނަފްރަތުގެ ބަސްތައް ދިރިއުޅުމުގެ ހަގީގީ މައިދާނަށް ބަދަލުވަމުންދާކަމުގެ ކަންބޮޑުވުން އެ ހޭންޑްބުކްގައި ވަނީ ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.
އެމްސީބީގެ މި އާ ފްރޭމްވޯކްގައި ހިމެނޭ ލަފާތަކުގެ ތެރޭގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ އޮފިސަރަކު ކަނޑައެޅުމާއި، ސީސީޓީވީ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، ކުއްލި ހާލަތެއްގައި އަމަލުކުރާނެ ސާފު އިޖުރާއަތުތައް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، މިސްކިތްތަކުން އަވަށްޓެރިންނާއި، ފުލުހުންނާއި، ވިޔަފާރިތަކާއި އަދި އެހެނިހެން ދީނީ ގްރޫޕުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ވެސް އެ ކައުންސިލުން ވަރަށް ބޮޑަށް ބާރު އަޅައެވެ. މުޖުތަމައުގައި ރަނގަޅު ނަމެއް އޮތް މިސްކިތަކަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކަމަށާއި، ހާދިސާއެއް ހިނގައިފިނަމަ އެހީތެރިކަން ލިބުން ފަސޭހަވާނެކަމަށް ތަޖުރިބާކާރު އިމާމުން ފާހަގަކުރެއެވެ.
އިނގިރޭސިވިލާތުގެ އާބާދީގައި 6 އިންސައްތަ، ނުވަތަ 4 މިލިއަން މުސްލިމުން ދިރިއުޅެއެވެ. ނަމަވެސް، މުޖުތަމައުގެ ހާލަތު އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ފާއިތުވި 25 އަހަރުގެ ތެރޭގައި މުސްލިމުންގެ އާބާދީ 151 އިންސައްތަ އިތުރުވެފައިވާއިރު، 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް އަމާޒުކޮށް ނަފްރަތުގެ އަމަލުތައް ހިންގާފައިވެއެވެ. މިފަދަ ހާލަތެއްގައި މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމްސީބީން ދެކެއެވެ.



