އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ޓެކްނިކަލް ފެންވަރުގެ މަޝްވަރާތައް މާދަމާ ސްވިޓްޒަލޭންޑުގެ ބަރގެންސްޓޮކްގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އެމެރިކާއާއި އީރާނުގެ މަންދޫބުންގެ އިތުރުން، މެދުވެރިންގެ ގޮތުގައި ޕާކިސްތާނާއި ގަތަރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ މީގެ ކުރިން ސޮއިކުރެވުނު އެއްބަސްވުން ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަޝްވަރާތަކެކެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ، އީރާނާއި ގަތަރު އަދި ޕާކިސްތާނުގެ އިސްވެރިން ސްވިޓްޒަލޭންޑަށް ވަޑައިގަތުމާއެކު މަތީ ފެންވަރުގެ މަޝްވަރާތައް ފެށޭނެ ކަމަށެވެ.
އީރާނުން ވެސް ވަނީ މި ބައްދަލުވުމަށް ވަފުދެއް ފޮނުވާނެކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އެ ގައުމުގެ ވަފުދުގެ މައިގަނޑު މަގުސަދަކީ އެއްބަސްވުމުގައިވާ ކަންކަން އެމެރިކާއިން ތަންފީޒު ކުރަން ގަސްތުކުރަނީ ކިހިނެއްކަން ސާފުކުރުން ކަމަށެވެ.
"އަނެއް ފަރާތުން ވެފައިވާ ވައުދުތައް ތަންފީޒު ނުކޮށްފިނަމަ، މުޅި އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ،" ބަގާއީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ސިޔާސަތަކީ "އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން" ކަމަށާއި، އަނެއް ފަރާތުން އެ ޒިންމާ އަދާނުކޮށްފިނަމަ އީރާނުން އަޅަންޖެހޭ "އެންމެހާ ފިޔަވަޅުތައް" އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މި މަޝްވަރާތަކަކީ އެމެރިކާއާއި އީރާނުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، އެއްބަސްވުން ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދެކެއެވެ. ޕާކިސްތާނުން ބުނެފައިވަނީ މި މަރުހަލާގައި އެ ގައުމުން ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.





