އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލާފައިވާ އިސްލާމްއާބާދު ފަހުމުނާމާ ތަންފީޒު ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށްޓަކައި ސްވިޒަލޭންޑުން ރައްކާތެރި އަދި ސިއްރު މާހައުލެއް ފަހިކޮށްދެމުންދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މިހާރު އެ ގައުމުގައި ތިބި އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ދަނީ ޚިޔާލު ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް، މަޝްވަރާތަކުގެ ސިއްރުކަން ހިފެހެއްޓުމުގެ ގޮތުން، ބައިވެރިންނާއި އެ ބައްދަލުވުންތަކުގެ ތަފުސީލުތައް ހާމަކުރެވެން ނެތް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކްސިއޯސްއިން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް މިހާރު ވަނީ ސްވިޒަލޭންޑަށް ވަޑައިގެންފައެވެ. އަދި ޓްރަމްޕްގެ ބޭފުޅާގެ ފިރިކަލުން ޖެރާޑް ކުޝްނަރު ވެސް މިހާރު ސްވިޒަލޭންޑުގައި ހުންނެވި ކަމަށް އެ ރިޕޯޓުގައިވެއެވެ. މި ބައްދަލުވުންތަކަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށްގެންދާ ފުރަތަމަ ބުރުގެ މަޝްވަރާތައް ކަމަށް ބެލެވެއެވެ.
އަސްލު ތާވަލުކުރެވިފައި އޮތީ ހުކުރު ދުވަހު މި މަޝްވަރާތައް ފެށުމަށެވެ. ނަމަވެސް، އިޒްރޭލުން ހަމަލާދީ ހަމަނުޖެހުން އުފެއްދުމުން އީރާނުން އެ މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ. ވިޓްކޯފް އާއި ކުޝްނަރު ވަނީ މީގެ ކުރިން އީރާނާއެކު ފުރަތަމަ މެމޮރަންޑަމް އެކުލަވާލުމުގެ މަޝްވަރާތައް ލީޑުކޮށްފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވައިޓް ހައުސްއިން ބުރާސްފަތި ދުވަހު އިއުލާނުކުރިއެވެ.
މި ހަފުތާގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މެމޮރަންޑަމްގައި، ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން ހައްސާސީ މައްސަލަތަކާ ބެހޭ މަޝްވަރާތައް ފަސްކުރުމަށްފަހު، ދާއިމީ އެއްބަސްވުމަކަށް އައުމަށް 60 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ވަނީ ދީފައެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާއާއި އީރާނުން ވަނީ ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކުން ވެސް އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، އީރާން އަލުން ބިނާކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމާއި، އެހެނިހެން މާލީ ހިތްވަރުތައް ދިނުމަށް ވެސް އެއްބަސްވުމުގައި ހިމެނެއެވެ.
މި މަޝްވަރާތަކުގައި އިޒްރޭލު ހިމަނާފައި ނުވާއިރު، އެ ގައުމުން ބުނަމުން ދަނީ އެމެރިކާ އާއި އީރާނުގެ މި އެއްބަސްވުމުގައި އިޒްރޭލަކީ ބައިވެރިއެއް ނޫން ކަމަށެވެ.





