ސްރީލަންކާގައި ޑެންގޫ ބަލި ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 1،069 މީހަކަށް ޑެންގޫ ޖެހިފައިވާއިރު، މިއަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވާ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 47،179 އަށް އަރައިފައެވެ. މި ބަލީގައި މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.
ނޭޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓް (ގެ އެކްޓިން ޑިރެކްޓަރު ޑރ. ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި، އާންމު ހާލަތެއްގައި ސްރީލަންކާގައި ދުވާލަކު ރިޕޯޓްކުރަނީ 150 އާއި 200 އާ ދެމެދުގެ އަދަދެއްގެ ކޭސްތަކެވެ. ނަމަވެސް، މިހާރުގެ ނުރައްކާތެރި ހާލަތުގައި ދުވާލަކު 600 އާއި 650 އާ ދެމެދުގެ އަދަދަކަށް ކޭސްތައް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަލިމަޑުކަން ފެތުރުން ހަލުވިވެފައިވަނީ، ވެރިރަށް ކޮލޮމްބޯގައި ހުންނަ ސްރީލަންކާގެ ސިއްހީ ވުޒާރާއާ އިންވެގެން އޮންނަ ނޮރިސް ކެނަލް ރޯޑް ސަރަހައްދުގައި ކުނި ގިނަވެ، މަދިރި އާލާވާ މަރުކަޒަކަށް އެ ސަރަހައްދު ބަދަލުވަމުންދާތީ ކަމަށް ބުނެއެވެ.
ޑޮކްޓާސް ޓްރޭޑް ޔޫނިއަން އެލަޔަންސް ފޯ މެޑިކަލް އެންޑް ސިވިލް ރައިޓްސްގެ ޗެއާމަން ޑރ. ޗަމާލް ސަންޖީވާ ވިދާޅުވީ، ސިއްހީ ވުޒާރާގެ ވަށައިގެން 50 މީޓަރުގެ ސަރަހައްދެއްގައި ބޮޑެތި ކުނި ގޮނޑުތައް ހުރި ކަމަށެވެ.
- މަގުމަތީގައި ޖަމާވެފައިވާ ކުނިތައް އެތައް ދުވަހެއް ވަންދެން ނުނަގާ ހުރުމުން، ވާރޭފެން ޖަމާވެ، މަދިރި އާލާވުމަށް ފަހި މާހައުލެއް އެތަންތާނގައި ވަނީ އުފެދިފައެވެ.
- މި ސަރަހައްދުގެ މި ނުރައްކާތެރި ހާލަތުގެ ސަބަބުން، ކައިރީގައި ހުންނަ ސްރީލަންކާގެ ނޭޝަނަލް ހޮސްޕިޓަލާއި އެހެނިހެން އަމިއްލަ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ވެސް ނުރައްކާ ބޮޑުވެފައިވާ ކަމަށް ޑރ. ސަންޖީވާ އިންޒާރު ދެއްވިއެވެ.
މިކަމާ ގުޅިގެން ޑރ. ސަންޖީވާ ވަނީ ނޭޝަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އާއި، ސިއްހީ ވުޒާރާގެ ސެކްރެޓަރީ، އަދި ކޮލޮމްބޯ މިއުނިސިޕަލް ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް މި ކުނިތައް ނައްތާލައި، ޑެންގޫގެ ނުރައްކާ ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.



