މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތަކުން ފެންނަނީ ހަމައެކަނި މޮޅު ގޯލުތަކާއި ވާދަވެރި ކުޅިއެއް ނޫނެވެ. ކުޅުންތެރިންގެ އިސްޓާކީންތަކުން ފެންނަ ތަފާތު މަންޒަރެއް ވެސް އެބަހުއްޓެވެ. މިއީ މިއަދުގެ ފުޓްބޯޅައިގައި ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ކުޅުންތެރިންގެ އިސްޓާކީންތަކުގެ ފަހަތުން ލޯވަޅެއް ހުންނަނީ އެއީ ފެޝަނެއްގެ ގޮތުން ކަމަށް ހީވި ނަމަވެސް، މިއީ އެއަށްވުރެ ފުން ސަބަބުތަކެއް ހުރި ކަމެކެވެ.
މި އާދައަކީ އާ ކަމެއް ނޫނެވެ. މީގެ 8 އަހަރު ކުރިން ފެށިގެން ވެސް ބައެއް ކުޅުންތެރިން މި އާދަ ހިފާފައިވެއެވެ. އޮސްޓްރޭލިއާއާއި އެމެރިކާ ބައްދަލުކުރި މެޗުގައި އޮސްޓްރޭލިއާގެ ގިނަ ކުޅުންތެރިންތަކެއްގެ އިސްޓާކީންތައް ހުރީ ކަތުރަކުން ކަފާލައިގެން ލޯވަޅު ހަދާފައެވެ.
މިކަމުގެ އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިންނަށް ލިބޭ "ތާޒާކަމާއި އަރާމު" ކަން ކަމަށް ބުނެއެވެ. ޒަމާނީ ފުޓްބޯޅަ އިސްޓާކީންތައ އުފައްދާފައި ހުންނަނީ ޕޮލިސްޓަރު ބޭނުންކޮށްގެންނެވެ. މިއީ އިސްޓާކީންތަކުގެ ބައްޓަން ރަނގަޅަށް ހިފަހައްޓައި، ފެން ނުހިފާ އެއްޗަކަށް ވިޔަސް، މިއީ ވަރަށް ހަރު އަދި ފައިގައި ބާރުކޮށް ހުންނަ އެއްޗެކެވެ. ބައެއް ކުޅުންތެރިން ޤަބޫލުކުރާ ގޮތުގައި އިސްޓާކީންތައް ފަހަތުން ކަފާލުމުން، ކުޅުންތެރިންގެ ފައިގެ މަސްތަކަށް އޮންނަ ބާރު ކުޑަވެ، ލޭ ދައުރުވުން އިތުރުވެ، ފައިގެ މަސްތައް ކްރެމްޕްވުމާއި އަނިޔާއެއް ލިބުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
މިއީ އެއްވެސް ސައިންޓިފިކް ހެއްކެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް މިއީ ކުޅުންތެރިންގެ ނަފްސާނީ ހިތްހަމަޖެހުމަށް ކުރާ ކަމެކެވެ. ކުރީގެ ވެސްޓް ހޭމް ޔުނައިޓެޑްގެ ފޯވާޑް ފްރޭންކް ނޫބަލް ބުނާ ގޮތުގައި، ކުޅުންތެރިއަކު ފެންނަ ގޮތް ރީތިވެ، ހިތްހަމަޖެހިފައި ހުރެއްޖެނަމަ ކުޅުން ވެސް ރަނގަޅުވާނެއެވެ.
މިކަމާ މެދު ސިއްހީ މާހިރުންގެ ޚިޔާލު ތަފާތެވެ. ޑރ. ރާޖް ބްރާރު ވިދާޅުވާ ގޮތުގައި އިސްޓާކީންތައް ކަފާލުމަކީ ސިއްހީ ގޮތުން އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މެޗުތަކުގެ ދެމެދުގައި ފައިގެ މަސްތަކަށް ފިތޭ ފަދަ އިސްޓާކީންތައް ބޭނުން ކުރުމަކީ ލޭ ދައުރުވުން ރަނގަޅުކޮށް، ދުޅަވުން ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވެސް ޒަމާނީ ފުޓްބޯޅަ އިސްޓާކީންތަކުގައި މިހާރު ވެސް ފައި ފިނިކޮށް ބެހެއްޓުމަށް ބޭނުންވާ ޓެކްނޮލޮޖީތައް ހުރެއެވެ.
އެހެންނަމަވެސް، މި އާދައަކީ ހުރިހާ ކުޅުންތެރިންނަށް ކަމުދާ ކަމެއް ނޫނެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ގެރީ ނެވިލް ބުނާ ގޮތުގައި، މިއީ އެއްގޮތަކަށް ވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. އެފަދަ ބޮޑެތި ކުންފުނިތަކުން ކުޅުންތެރިންނަށް ބޭނުންވާ ވައްތަރުގެ އިސްޓާކީންތައް އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް އޭނާ ދެކެއެވެ.
ފުޓްބޯޅައިގެ ދަށު ފަންތީގެ ކުލަބުތަކަށް ބަލާއިރު، މިކަމަކީ ކުލަބުތަކަށް ޚަރަދު ބޮޑުވާ ކަމަކަށް ވެސް ވެފައިވެއެވެ. ކުޅުންތެރިން އިސްޓާކީންތައް ހަލާކުކޮށްލާތީ، ބައެއް ކުލަބުގެ ކުޅުންތެރިން އަމިއްލައަށް އިސްޓާކީންތައް ގަންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވެއެވެ.
ސަބަބު ކޮންމެ ގޮތަކަށް ހުއްޓަސް މިއީ މިއަދުގެ ފުޓްބޯޅައިގެ ޘަޤާފަތުގެ ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމެކެވެ. މިއީ ސައިންސަށްވުރެ ބޮޑަށް ކުޅުންތެރިންގެ އަމިއްލަ އިޚްތިޔާރާއި ނަފްސާނީ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ.







