އެމެރިކާގެ މިސިސިއްޕީ ސްޓޭޓްގެ މަގުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް އިން މަސައްކަތްކުރާ އާ ކެމެރާތަކެއް ބޭނުންކުރަން ފެށުމާ އެކު، އާންމުން ސުއާލު އުފައްދަން ފަށައިފިއެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްޓޭޓް ސަރުކާރުން މި ނިޒާމު ދިފާއު ކުރަމުންދާއިރު، އަމިއްލަ މިނިވަންކަމާއި ޕްރައިވެސީއަށް ލޯބިކުރާ ފަރާތްތަކުން ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން، އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ "އެކިއުސެންސަސް" އާއެކު ދެ މިލިއަން ޑޮލަރުގެ އެއްބަސްވުމެއް މިސިސިއްޕީ ސަރުކާރުން ވަނީ ހަދާފައެވެ. މި ކެމެރާތަކަކީ ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާ އުޅަނދުތައް ވެސް އަދި އޭގެ ނަންބަރު ބޯޑުތައްވެސް ސާފުކޮށް ފެންނަ ގޮތަށް ފޮޓޯ ނެގުމުގެ ގާބިލްކަން ހުރި، އަދި އެއްފަހަރާ އެތައް ބާވަތެއްގެ ޓްރެފިކް ގަވާއިދާ ޚިލާފުވުންތައް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ އާލާތްތަކެކެވެ.
ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ކެމެރާތަކުގެ މަގްސަދަކީ ސީދާ ޖޫރިމަނާ ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ "ހައި-ރިސްކް" ސަރަހައްދުތައް ދެނެގަނެ، ޓްރެފިކް ފުލުހުން އެތަންތަނަށް ފޮނުވައިގެން ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް، މިކަމާ ދެކޮޅު ހަދާ ފަރާތްތަކުގެ ކަންބޮޑުވުންތައް މުޅިން ތަފާތެވެ. ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު ޑޭން ޔޫބޭންކްސް ވިދާޅުވީ، މި ކެމެރާތަކުން އުޅަނދުތަކުގެ އެތެރޭގައި ހިނގާ ކަންކަމަށް ވެސް ފާރަލެވޭނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. "މިއީ ދުސްތޫރީ ހައްގުތަކާއި ޕްރައިވެސީއާ މެދު ސުވާލު އުފެދޭ ކަމެއް. ސަރުކާރުގެ ފާރަވެރިކަން މިވަނީ އިންތިހާއަށް ގޮސްފައި،" އޭނާ ވިދާޅުވިއެވެ.
މިސިސިއްޕީގައި މިކަން މިހާރު ފެށުނު ނަމަވެސް، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިން ފެށިފައިވާ ކަމެކެވެ. އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ފްރާންސް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި އޭއައިއާއި އޮޓޮމެޓިކް ނަންބަރު ޕްލޭޓް ރީޑިން ނިޒާމުތައް ބޭނުންކޮށްގެން ޓްރެފިކް ބަލަހައްޓަމުން އެބަދެއެވެ. ޚާއްސަކޮށް، ސްމާޓް ސިޓީތަކުގައި މިފަދަ ޓެކްނޮލޮޖީއަކީ އާންމު އެއްޗެކެވެ.
އެހެންނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު، ސަރުކާރުތަކުން ރައްޔިތުންގެ ޙަރަކާތްތަކަށް ފާރަވެރިވުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުވަމުންދާތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ހުއްޓުމެއްނެތި އިންޒާރު ދެމުންނެވެ.
މިސިސިއްޕީގެ މި ހާދިސާއަކީ، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމާއި، އެ ރައްޔިތުންގެ ޕްރައިވެސީ ހިމާޔަތްކުރުމާ ދެމެދު އޮތް ބޮޑު ކޯޅުމުގެ އަނެއް ބޮޅެވެ.






