އެމެރިކާގައި ބާއްވާ ވޯލްޑްކަޕަކީ އެންމެ ދޯދިޔާ ތަފާތުކުރުން ބޮޑު ވޯލްޑްކަޕް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަމުންދާ އީރާނުގެ ފުޓްބޯޅަ ޓީމާ މެދު، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާއިން އަމަލުކުރަމުންދާ "ނުރަނގަޅު އަދި ބޭއިންސާފު" ގޮތްތަކާ މެދު ފީފާއިން ފިޔަވަޅު އެޅުމަށް އީރާނުގެ ކޯޗު އަމީރު ގަލްނޮއީ ގޮވާލައިފިއެވެ.

ސިއެޓްލް ސްޓޭޑިއަމްގައި މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އީރާނުގެ ކޯޗު ވިދާޅުވީ ވޯލްޑް ކަޕްގައި އެޓީމަށް ކުރިމަތިވި ހާލަތަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އީރާނު ޓީމަށް އެމެރިކާއިން އެކި ގޮތްގޮތުން ހުރަސްއަޅައި، ނަސްލީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ތަފާތުކުރުންތައް ގެންގުޅެމުންދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ. މިކަމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސީދާ މި މައްސަލައިގެ ތެރެއަށް ވަދެ، މުބާރާތް ބާއްވާ ގައުމުތަކުން ޓީމުތަކާ މެދު މިފަދައިން އަމަލުކުރުން ހުއްޓުވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އީރާނު ޓީމުން ފާހަގަކުރާ ގޮތުގައި އެޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލޮޖިސްޓިކް މައްސަލަތަކެވެ. އީރާނުގެ ޓީމުގެ ބައެއް ސްޓާފުންނަށް އެމެރިކާގެ ވިސާ ނުލިބުމާއި، މެޗުތަކަށްފަހު އެމެރިކާގައި މަޑުކުރުމުގެ ހުއްދަ ނުދިނުމުގެ ސަބަބުން، ކުޅުންތެރިންނަށް އެކަށީގެންވާ ގޮތެއްގައި ރިކަވަރީ އާއި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭ ކަމަށް ކޯޗު ބުންޏެވެ. އަދި މެޗުތަކުގައި އީރާނުގެ މީޑިއާތަކަށް އެކަށީގެންވާ ފުރުސަތުތައް ނުލިބޭކަން ވެސް އެ ޓީމުން ފާހަގަކުރެއެވެ.

އީރާނުގެ ކެޕްޓަން މަހްދީ ތަރޭމީ ވެސް ވަނީ މި ވޯލްޑް ކަޕަކީ "އާދަޔާ ޚިލާފު ކާރިސީ" މުބާރާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ފުޓްބޯޅައިގެ ފެންވަރަށްވުރެ ބޮޑަށް، އީރާނު ޓީމާ މެދު އެމެރިކާއިން ގެންގުޅޭ ނަފްރަތާއި ބޭއިންސާފު މުއާމަލާތްތަކުގެ ސަބަބުން ދިމާވި ހިތްދަތި ތަޖުރިބާއެކެވެ.

އީރާނުގެ ކޯޗު އިތުރަށް ބުނީ، މިފަދަ އެތައް ހުރަސްތަކަކާ އެކުވެސް ކުޅުންތެރިން ދެއްކި ހިތްވަރަށް އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި މި ހުރިހާ ދަތިތަކަކާ އެކު ވެސް ޓީމުން ދެއްކި ކުޅުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކުޅުމެއް ކަމަށް އޭނާ ބުންޏެވެ. އީރާނު ޓީމުން މިހާރު ދަނީ ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ބަލައި، 32 ޓީމުގެ ބުރަށް ދެވޭނެ ކަމުގެ އުންމީދުގައި އިންތިޒާރު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!