ގައުމުގެ އެތެރޭގެ ބާޒާރުގައި ތެލުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން، ޑީސަލް ބޭރުކުރުން މުޅިން ހުއްޓާލުމާ މެދު ރަޝިޔާގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްވި އިސް އޮފިޝަލުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިޔާ މިހާރު ތަޖުރިބާ ކުރަމުންދަނީ ހުޅަނގުގެ ފަރާތުން އަންނަ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބާރުގަދަ ފިއްތުންތަކެއް ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަކީ މިހާރު އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށް ފާހަގަކުރެއްވިއެވެ.
ރަޝިޔާގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލް ލިބުން ދަތިވެ، ޕެޓްރޯލް ސްޓޭޝަންތަކުގައި ކިއުތައް ދިގުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރު ވެސް ވަނީ ޕެޓްރޯލާއި ޖެޓް ފިއުލް ބޭރުކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ޕޫޓިން ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ 1.7 މިލިއަން ޓަނުގެ ޕެޓްރޯލް ރިޒާވުން ވެސް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، ޖުލައި މަހު އުފެއްދުންތައް އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރަޝިޔާގެ ތެޔޮ ރިފައިނަރީތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން ތެޔޮ އުފެއްދުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މި ހަމަލާތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓް ޑޫމާ ގެ އިންތިޚާބަށް އެއްވެސް ބަދަލެއް ނައިސް، ގާނޫނާ އެއްގޮތަށް ބޭއްވޭނެ ކަމަށް ވެސް ރައީސް ޕޫޓިން ޔަގީންކޮށްދެއްވިއެވެ.
ޕޫޓިން އިތުރަށް ވިދާޅުވީ، ރަޝިޔާ ބަލިކަށިކޮށް، އެ ގައުމުގެ ސިޔާސީ ހަމަޖެހުން ނަގާލުމަށް ހުޅަނގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ރަޝިޔާގެ މިނިވަންކަމާއި، ގައުމީ މަސްލަހަތު ދިފާއު ކުރުމުގައި ރަޝިޔާ އޮތީ ސާބިތުކަމާއެކު ކަމަށާއި، ކުރިމަތިވެފައިވާ މި އިމްތިހާނުން ރަޝިޔާ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.







