އެމެރިކާގެ މުސްލިމުން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމާޔަތްކުރުމަށް "ވަޤުފް" ފަންޑެއް އުފައްދައިފި

އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމޯފޯބިއާގެ ނަފްރަތުގެ އަމަލުތަކާ ދެކޮޅަށް، އެ ގައުމުގެ އިސްލާމީ ޖަމިއްޔާތަކުން ގުޅިގެން "ވަޤްފް އައްސުމޫދު ވަލްހިމާޔާ" ގެ އެތަކެއް މިލިއަން ޑޮލަރުގެ ވަޤުފް ފަންޑެއް އިއުލާންކޮށްފިއެވެ. މި ފަންޑުގެ މައިގަނޑު މަގުސަދަކީ މިސްކިތްތަކާއި އިސްލާމީ ސްކޫލްތަކާއި މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، މީގެ ކުރިން ދީފައިވާ ހަމަލާތަކުގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިވުމެވެ. މި ފަންޑު އުފައްދާފައިވަނީ މެއި 18، 2026 ގައި ކެލިފޯނިއާގެ ސޭން ޑިއޭގޯގެ އިސްލާމީ މަރުކަޒަކަށް ދިން ހަމަލާގައި ތިން މުސްލިމަކު ޝަހީދުވުމާ ގުޅިގެން، މުސްލިމުންގެ ރައްކާތެރިކަމާމެދު އުފެދުނު ބޮޑެތި ކަންބޮޑުވުންތަކެއްގެ ތެރެއިންނެވެ.

އެމެރިކަން އިސްލާމިކް ރިލޭޝަންސް ކައުންސިލް ކެއާރގެ ޑެޕިއުޓީ ޑިރެކްޓަރު އެޑްވަޑް މިޗެލް ވިދާޅުވީ، ގިނަ އިސްލާމީ މުއައްސަސާތަކުގައި އަމިއްލައަށް ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާ މަދު ކަމަށެވެ. އެހެންކަމުން، މި ފަންޑުގެ ދަށުން:

  • ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސަލާމަތީ ކަންކަމާ ބެހޭ ތަޖުރިބާކާރުންނާއި ކުރީގެ ފުލުހުންގެ ބޭފުޅުން މެދުވެރިކޮށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
  • ހަމަލާއެއް ދީފިނަމަ އަމަލުކުރާނެ ގޮތާއި، އިވެކިއުއޭޝަން ޕްލޭންތައް ހެދުން.
  • މިސްކިތްތަކުގެ ސަލާމަތާ ބެހޭ ގައިޑްލައިންތައް އަޕްޑޭޓްކޮށް ފުޅާދާއިރާއެއްގައި ބެހުން.

މިޗެލް އިތުރަށް ވިދާޅުވީ، މުސްލިމުންނާ ދެކޮޅަށް ގޮވާލާ އސްލާމޯފޯބިއާގެ ނަފްރަތުގެ ބަސްތަކަކީ ސީދާ ނުރައްކަލެއް ކަމަށާއި، މިފަދަ ވާހަކަތައް ހަމަލާތަކަށް ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ވާޖިނިއާގެ މިސްކިތެއްގެ އިމާމް އަބްދުއްރަހްމާން ކަމާލް ވިދާޅުވީ، އަޅުކަންކުރާ މީހުންނަށް ހިތްހަމަޖެހުމާއެކު އަޅުކަން ކުރެވޭނީ ރައްކާތެރިކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ. އަދި މި ފަންޑަކީ ކުޑަކުދިންނާއި ވޮލަންޓިއަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްނެގުމުގެ މޭސްތިރިން ދެކޭ ގޮތުގައި، މި ވަޤުފް އުފެއްދުމަކީ ދިމާވަމުންދާ ގޮންޖެހުންތަކަށް ދެވޭ އަމަލީ ރައްދެކެވެ. މިއީ އެމެރިކާގައި ދީނީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!