އިސްރާއީލާއެކު ވެވޭ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ "އޮނިގަނޑުގެ އެއްބަސްވުމަކީ" އެއްވެސް ޙާލެއްގައި އެއްބަސްވުމެއް ނުވަތަ މުއާހަދާއެއް ނޫން ކަމަށް ލުބްނާނުގެ ބޮޑުވަޒީރު ނަވްއާފް ސަލާމް ބުދަ ދުވަހު ވިދާޅުވެއެވެ. އެއީ ހަމައެކަނި ދެފަރާތުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ރާވައި، އެ މަޝްވަރާތައް ކުރިއަށްދާނެ މަގު ކަނޑައެޅުމަށްޓަކައި ވެވޭ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓީވީ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސަލާމް ވިދާޅުވީ، "އޮނިގަނޑުގެ އެއްބަސްވުން" މި ލަފުޒާ މެދު ބައެއް ފަރާތްތަކަށް އޮޅުންތަކެއް އަރާފާނެ ކަމަށެވެ. "އަޅުގަނޑުމެން މި ވާހަކަ ދައްކަނީ މަޝްވަރާތައް ކުރިއަށް ގެންދާނެ އޮނިގަނޑެއްގެ ވާހަކަ. މިއީ މުއާހަދާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އިސްރާއީލާއެކު މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދަން ޖެހުނު ސަބަބު ހާމަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ލުބްނާނުން މި މަގު ޚިޔާރުކުރީ އިސްރާއީލާއެކު ވާހަކަ ދައްކަން ބޭނުންވެގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަކީ އިސްރާއީލާއެކު މަޝްވަރާކުރަން ޝައުޤުވެރިވާ ބައެއް ނޫން. ނަމަވެސް، އެތައް ހާސް ބަޔަކު މަރުވި ދެ ހަނގުރާމައަކަށްފަހު، އަޅުގަނޑުމެންނަށް މި ހިސާބަށް މި އާދެވުނީ،" އޭނާ ވިދާޅުވިއެވެ.







