ދުނިޔޭގެ ސިޔާސީ މައިދާނުގައި އަންހެނަކު ފެނިއްޖެއްޔާ ހަމަހޭވެރިކަން ފިލާ ލީޑަރެއްގެ ޝަރަފު، ފަރަންސޭސި ރައީސް އެމެނުއަލް މެކްރޮން އަނެއްކާވެސް ދިފާއު ކުރައްވައިފިއެވެ. މިފަހަރު މި ހާދިސާ ހިނގާފައިވަނީ ތުރުކީގެ ރިޔާސީ ގަނޑުވަރުގައެވެ. ދާދިފަހުން ލިބިވަޑައިގެންނެވި "ބްލެކް އައި" ފޮރުވުމަށްޓަކައި ކަޅު އައިނެއް އަޅުއްވައިގެން، ބޮޑު ސިއްރުވެރިއެއްގެ ސިފައިގައި ހުންނެވި މެކްރޮންއަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އަނބިކަނބަލުން އާމިނާ އުރުދުޣާން ފެނިވަޑައިގަތުމާއެކު، އޭނާގެ ހަށިގަނޑުގައި ހުރި ފަރަންސޭސި ލޯބީގެ ޖީންސްތައް ހޭލިއެވެ. ރަސްމީ ސަލާމަށްފަހު، މެކްރޮން ވަގުތުން އުޅުއްވީ އާމިނާގެ އަތްޕުޅަށް ބޮސްދެއްވުމަށެވެ.
ނަމަވެސް، މެކްރޮންގެ މި "ރޮމޭންޓިކް ޖިހާދު" ނިމުމަކަށް އައީ ވަރަށް ހިތްދަތި ގޮތަކަށެވެ. އާމިނާ އުރުދުޣާން، ދީނީ އަދި ސަގާފީ އުސޫލުތަކުގެ ބޭނުންކުރައްވައި، މެކްރޮންއަށް ފުރުސަތު ނުދެއްވުމަށްޓަކައި ވަރަށް ހިކުމަތްތެރިކަމާއެކު، އެކަމަކު ސާބިތުކަމާއެކު އަތްޕުޅު ފަހަތަށް ދަމައިގަންނަވައިފައެވެ. މިއާއެކު މެކްރޮން "ލޯކައިރި ކަޅުވި" މައްސަލައަށްވުރެ ބޮޑަށް މުޅި މޫނު ރަތްވެގެންދިޔައެވެ.
މި ހާދިސާއާ ގުޅިގެން ޕެރިހުގެ ސިޔާސީ މާހިރުން ބުނަމުންދަނީ، މެކްރޮންގެ ފަސްޓް ލޭޑީ އަދި އޭނާގެ ކުރީގެ ސްކޫލް ޓީޗަރު ބްރިޖިޓް މެކްރޮންގެ ފާރަވެރި ލޮލުގެ ކުރިމަތިން ކުޑަކޮށް ދުރުވުމުން، މެކްރޮންއަށް އުޅުއްވެނީ "ކްލާސް ރޫމުން ބޭރަށް ދޫކޮށްލި ކުޑަކުއްޖަކު" ފަދައިން ކަމަށެވެ.
"މިއީ ގޭގައި ޓީޗަރެއް ހުރެގެން އަދަބު ދޭތީ، ބޭރަށް ނުކުމެވުނީމާ ހިތަށްއެރިހާ އެއްޗަކަށް ބޮސްދޭން އުޅުމުގެ ނަތީޖާ،" ސޯޝަލް މީޑިއާގެ ކޮމެންޓެއްގައިވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މެކްރޮންގެ ލޯކައިރި ކަޅުވެފައިވަނީވެސް، މިދިޔަ ހަފްތާގައި ބޭރު ގައުމެއްގެ އަންހެން ޑިޕްލޮމޭޓެއްގެ ކައިރިއަށް މާ ބޮޑަށް ޖެހިވަޑައިގަންނަވަން އުޅުއްވުމުން ބްރިޖިޓް ދެއްވި "ރިޔާސީ އަދަބެއްގެ" ސަބަބުންނެވެ.
މިއީ މެކްރޮން އަންހެނުންގެ އަތުގައި ހިފަން އުޅެގެން ލަދުގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ވިއެޓްނާމްގެ ދަތުރުފުޅެއްގައިވެސް، އެ ގައުމުގެ އަންހެން އޮފިޝަލެއްގެ އަތުގައި ހިއްޕަވައިގެން، އެ ކަމަނާ އަތް ދަމައިގަންނަން އުޅުމުންވެސް މެކްރޮން ދޫނުކޮށް ހިފަހައްޓައިގެން ހުންނެވި "ވިއެޓްނާމް އެޕިސޯޑް" އަކީ ދުނިޔޭގެ ސިޔާސީ ތާރީޚުގައި ލިޔެވިފައިވާ ކަމެކެވެ.
"ފަރަންސޭސިވިލާތުގެ ރައީސްކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި، ދިމާވާ ކޮންމެ އަންހެނެއްގެ އަތަށް ބޮސްދިނުން މަޖުބޫރު ކުރާ މާއްދާއެއް އޮންނަނީ ކަންނޭނގެ،" އެލިޒޭ ޕެލަސްގެ އޮފިޝަލަކު ނަންނުޖެހުމަށް އެދި މަޖާޒީގޮތެއްގައި މީޑިއާއަށް ވިދާޅުވިއެވެ.
ކޮންމެއަކަސް، ތުރުކީގެ ފަސްޓް ލޭޑީ ވަނީ ވަރަށް ރީތިކޮށް މެކްރޮން ސައިޒް ކޮށްލައްވާފައެވެ. ދެން އޮތީ މެކްރޮން އެނބުރި ގައުމަށް ވަޑައިގަތުމުން، ޓީޗަރު ބްރިޖިޓް ދެއްވާނެ އަދަބަކަށް އިންތިޒާރު ކުރުމެވެ. ބޮޑަށް ބެލެވެނީ ދެން އޮތް ބައްދަލުވުމަކުން މެކްރޮން ފެންނާނީ ދެ ލޯވެސް ކަޅުވެފައި ހުންނަވަނިކޮށެވެ.







