ގަރުނުގެ އެންމެ ބޮޑު ޔަހޫދީ ޖެނޮސައިޑް ޑޮކިއުމެންޓްކޮށް އަރުޝީފު އާންމުކޮށް ހުޅުވާލައިފި

ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި ލާއިނުސާނީ އަމަލުތައް ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން ArchiveGenocide.com ގެ ނަމުގައި ބޮޑު ޑިޖިޓަލް އަރުޝީފެއް ލޯންޗުކޮށްފިއެވެ. މި ވެބްސައިޓަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ކުށްތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތައް ރަސްމީކޮށް ޑޮކިއުމަންޓްކޮށް، ތަހުގީގުތަކަށް ބޭނުންވާނެ ހެކި ރައްކާތެރިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މަޝްރޫއެކެވެ.

މި އަރުޝީގް ހެދި ފަރާތުން ބުނެފައި ވަނީ އެމީހުންގެ މަސައްކަތަކީ އެހެން މީހުން ފޮހެލަން މަސައްކަތް ކުރާ ތަކެތި ޒަމާނަށް ރައްކާ ކުރުމެވެ. އަދި ބުނެފައި ވެއެވެ!

"އަހަރަމެންނަށް މި ވަނީ ފަރުވާއެއް ނެތް ބައްޔެއް ޖެހިފައެވެ. އެއީ އުންމީދުގެ ބައްޔެވެ!" މަހުމޫދު ދަރްވޭޝް

އަރުޝީފުގެ މައިގަނޑު ތަފްސީލުތައް

މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ބޮޑެތި ފައިލްތައް ޑައުންލޯޑް ކުރަން ނުޖެހި، ފަސޭހައިން ސާޗްކޮށް ފިލްޓަރު ކުރެވޭނެ ފަދަ ނިޒާމެއްގެ ދަށުންނެވެ.

  • ފޮޓޯ އާއި ވީޑިއޯގެ އަދަދު: މި މަޝްރޫއު ފެށުނުއިރު 64،537 އަށްވުރެ ގިނަ ވީޑިއޯ އަދި 17،905 އަށްވުރެ ގިނަ ފޮޓޯ ހިމެނެއެވެ. ޖުމްލަ އެއްކޮށް ބަލާއިރު 82،000 އަށްވުރެ ގިނަ މީޑިއާ ފައިލް މި އަރުޝީފުގައި ވަނީ އެއްކުރެވިފައެވެ.

  • މަޢުލޫމާތު ހޯދި ވަސީލަތްތައް: މި ސައިޓުގައި ހިމެނޭ ތަކެއްޗަކީ ޣައްޒާގައި ހަރަކާތްތެރިވާ މަގްބޫލު ނޫސްވެރިން، މުޢުތަޒް އަޒައިޒާ، ޕްލެސްޓިއާ އަލަގާޑް، ވާއިލް އަލްދަހްދޫހް، ބީސާން އޫދާ، ފޮޓޯގްރާފަރުންނާއި، އަދި ޓެލެގްރާމް ޗެނަލްތަކުން ޔަގީންކޮށްފައިވާ ތަކެއްޗެވެ.

  • ބޭނުންކުރެވޭނެ ގޮތް: ކޮންމެ ފައިލެއްގެ ތާރީޚް، ހާދިސާ ހިނގި ރަށް ނުވަތަ ސަރަހައްދު، އަދި އޭގެ އަސްލު މަސްދަރު ސާފުކޮށް އެނގޭނެހެން ވަކިވަކިން ވަނީ ތަރުތީބުކޮށްފައެވެ.

  • މި އަރުޝީފުން ޔަހޫދީން ޝަހީދުކޮށްފައިވާ މީހުންގެ ނަމުންވެސް މައުލޫމާތު ހޯދޭނެއެވެ. އެމީހުން ޝަހީދު ކުރި ތަނާއި ގޮތައި ފޮޓޯއާ ހެކި ހިމަނާފައި ވެއެވެ.
  • ޖުމުލަ 549 އިސްކިރީނުގައި މައުލޫމާތު ހިމަނާފައި ވެއެވެ.

ޖިއޯލޮކޭޝަން އަދި ލައިވް މެޕިންގް

މިއީ ހަމައެކަނި ފޮޓޯ އާއި ވީޑިއޯ ރައްކާކުރާ ތަނެއް ނޫނެވެ. މީގެ އިތުރުން 'އަބޫ ލޮކޭޝަން' ނަމަކަށް ކިޔާ ރިސާޗަރެއްގެ އެހީގައި، ހާދިސާތައް ހިނގި ސީދާ ތަންތަން ދެނެގަތުމުގެ ޖެއޯލޮކޭޝަންގެ މަސައްކަތް ވެސް ވަނީ ފުރިހަމަ ކޮށްފައެވެ. އަދި 'Liveuamap' މެދުވެރިކޮށް، ޣައްޒާއާއި އެ ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކާއި، ވައިގެ ހަމަލާތަކާއި، ޝަހީދުވާ މީހުންގެ އަދަދުތައް މިނެޓުން މިނެޓަށް ބަލައިލެވޭނެ އިންޓަރެކްޓިވް ލައިވް މެޕެއް ވެސް މި ސައިޓުގައި ހިމެނެއެވެ.

ސައިޓް ބޭނުންކުރާ ފަރާތްތަކަށް އިންޒާރެއް

މި ވެބްސައިޓުގައި ހުރި ގިނަ ވީޑިއޯތަކާއި ފޮޓޯތަކަކީ ހަނގުރާމައިގެ ބިރުވެރި އަދި އަނިޔާވެރި މަންޒަރުތައް އަދި ލޭއޮހޮރުވުންތަކާއި، ކުޑަކުދިންނަށް ދީފައިވާ އަނިޔާތަކާއި، ސުންނާފަތިކޮސްފައިވާ އިމާރާތްތަކާއި ގަބުރުތައް އެއްވެސް ސެންސަރުކުރުމެއް ނެތް ގޮތުގައި ދައްކުވައިދޭ ސައިޓެކެވެ.

އެހެންކަމުން، ސައިޓަށް ވަނުމުގެ ކުރިން ބޮޑު އިންޒާރެއް ދައްކާނެއެވެ. ސައިޓުގެ އުފެއްދުންތެރިން ވިދާޅުވާ ގޮތުގައި މިއީ ހަމައެކަނި މުނިފޫހިފިލުވުމަށް ނުވަތަ އާދައިގެ ގޮތަކަށް ބަލައިލަން ހަދާފައިވާ ތަނެއް ނޫނެވެ. މީގެ އަސްލު ބޭނުމަކީ ނޫސްވެރިކަމުގެ ދިރާސާތަކަށާއި، ތާރީޚީ ލިޔެކިޔުންތަކަށާއި، އަދި ކުރިމަގުގައި ބައިނަލްއަގުވާމީ ކޯޓުތަކުގައި ޔަހޫދީންގެ ދެނޮސައިޑާ ދެކޮޅަށް އިންސާފު ހޯދުމަށް ބޭނުންކުރެވޭނެ ގާނޫނީ ހެކި ރައްކާތެރިކުރުމެވެ.

ހިއްސާ ކުރައްވާ!