އެމެރިކާ މީހުން ބަނޑު ދިޔާވަނީ ކިއްވެ؟

އެމެރިކާގެ 18 ސްޓޭޓަކުން 700 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަނޑުދިޔާވުމުގެ މައްސަލަތަކެއް ކުރިމަތިވެ، އެ ގައުމުގެ ސިއްހީ އިދާރާތަކުން ދަނީ ބޮޑު ބަލިމަޑުކަމެއް ކަންބޮޑުވުމާއެކު ތަހުގީގު ކުރަމުންނެވެ. މި ބަލިމަޑުކަން ފެތުރެން ދިމާވީ "ސައިކްލޮސްޕޯރާ" ކިޔާ ކުޑަކުޑަ ޕެރަސައިޓެއްގެ ސަބަބުންނެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި 6 ގެ ނިޔަލަށް 694 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މި ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ސީޑީސީން ވަނީ އިންޒާރުދީފަ އެވެ. މި ބަލި ފެތުރެން މެދުވެރިވި ވަކި ޚާއްސަ ކާނާއެއް ނުވަތަ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ދެނެގަނެވިފައެއް ނުވެ އެވެ.

ބަލި ފެތުރެނީ ކިހިނެއް؟

ސައިކްލޮސްޕޯރާ އަކީ އިންސާނާގެ ގޮހޮރަށް އަސަރުކުރާ ޕެރަސައިޓެކެވެ. މިއީ އާންމުކޮށް ފެތުރެނީ ބޮޑުކަމު ދިއުމަށްފަހު އަތް ނުދޮވުމުގެ ސަބަބުންނާއި ނަޖިހުން ތަޣައްޔަރުވެފައިވާ ފެން ނުވަތަ ކާބޯތަކެތީގެ ޒަރީއާއިންނެވެ.

ގިނަ ފަހަރަށް މި ބަލިމަޑުކަން ހޫނު މޫސުމާ ދިމާކޮށް ފެތުރެނީ ރަނގަޅަށް އަތް ނުދޮވުމާއި، ނުދޮވެ ހުންނަ ތާޒާ މޭވާއާއި ތަރުކާރީގެ ސަބަބުންނެވެ. ނަމަވެސް، މި ޕެރަސައިޓް އިންސާނެއްގެ ހަށިގަނޑުން ބޭރުވުމަށްފަހު، އެހެން މީހަކަށް ބަލިޖެއްސުމުގެ ކުޅަދާނަކަން ލިބުމަށް ހަށިގަނޑުން ބޭރު މާހައުލުގައި 1 ހަފްތާއާއި 2 ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގަ އެވެ. އެހެންކަމުން، މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ބަލީގެ އަލާމާތްތައް

މި ޕެރަސައިޓް ހަށިގަނޑަށް އެތެރެ ވާތާ ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ. އެންމެ އާންމު އަލާމާތަކީ ބަނޑުދިޔާވުމެވެ. އޭގެ އިތުރުން ފެންނާނެ އަލާމާތްތަކަކީ:

  • ބަނޑުގައި ރިއްސުމާއި ބަނޑަށް ވާންވުން
  • މޭނުބައިކުރުން
  • ބަނޑުފުއްޕުން
  • ކާހިތްކެނޑުން އަދި ބަރުދަން ލުއިވުން
  • ބޮލުގައި ރިއްސުން

މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުދީފިނަމަ، ބަލީގެ އުނދަގޫތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ބަލީގައި އެންމެ ބޮޑު ނުރައްކަލަކީ ބަނޑުދިޔާވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވުމެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ނުރައްކާ ބޮޑެވެ.

ބަލި ފެތުރޭ ވަކި ކަންކަމެއް އަދި ކަށަވަރު ނުވާތީ، އެފްޑީއޭ އާއި ސީޑީސީން އިލްތިމާސްކުރަނީ އަތް ދޮވުމަށާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށެވެ.

  1. ތާޒާ މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ ކުރިންނާއި ފަހުން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  2. ކައްކަން ނުވަތަ ކާން ބޭނުންކުރުމުގެ ކުރިން އިސްކުރު ފެނުން ތަރުކާރީތައް ރަނގަޅަށް ދޮވުން.
  3. ކޮށާފައި ހުންނަ މޭވާއާއި ތަރުކާރީ 2 ގަޑިއިރު ތެރޭގައި ފިނިހޫނުމިން ހިފެހެއްޓޭ ގޮތަށް ފްރިޖަށްލުން.

ސައިކްލޮސްޕޯރާ ބައްޔަކީ އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ފަސޭހައިން ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް، ގިނަ ދުވަސްވަންދެން ބަނޑުދިޔާވެ، ބޮލަށް އެނބުރުން އެރުމާއި، މާބޮޑަށް ފެންބޮވުން ފަދަ ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންޖެހެ އެވެ.

ހިއްސާ ކުރައްވާ!