އެމެރިކާއިން އެންމެ ފަހުން އީރާނަށް ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން "ވަރަށް ބޮޑު ނަތީޖާއެއް" ފެނިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ނޫސްވެރިންގާތު ވިދާޅުވެއްޖެއެވެ. އަދި ހަމަނުޖެހުން އިތުރުކޮށ ްމަސްރަހު ހޫނުކުރުމަށް މިރޭވެސް އެމެރިކާއިން މިއަށްވުރެ ބޮޑަށް އީރާނަށް ހަމަލަ ދޭނެ ކަމުގައި އޭނާ ބުނެފިއެވެ.
ތުރުކީގެ ވެރިރަށުގައި ބޭއްވި ނޭޓޯ ސަމިޓުގެ ހަވާސާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި، ތެހެރާނުން އަލުން ބިނާކުރަން މަސައްކަތް ކުރަމުންދިޔަ ރާޑަރު ސިސްޓަމްތައް އެމެރިކާގެ ފަހުގެ ހަމަލާތަކުގައި ކާމިޔާބުކަމާއެކު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އީރާނުން ރައްދުގައި އިތުރު ހަމަލާއެއް ދީފިނަމަ، އެމެރިކާގެ ހަމަލާތައް އީރާނުގެ މުހިންމު މަދަނީ ވަސީލަތްތަކަށް އަމާޒުކުރާނެ ކަމަށް ވެސް ސާފުކޮށް ވިދާޅުވިއެވެ.
"އެމީހުންގެ ކަރަންޓު އުފައްދާ ތަންތަކާއި، ކަރަންޓު ޕްލާންޓްތައް… އަހަރެމެންނަށް މަޖުބޫރުވެއްޖެއްޔާ އެ ތަންތަން ހަލާކުކޮށްލާނަން،" ޓްރަމްޕް ވިދާޅުވިއެވެ. އަދި ލޮނު ފެން މީރު ފެނަށް ބަދަލުކުރާ ޕްލާންޓްތަކަށް ވެސް ހަމަލާދީފާނެ ކަމަށް ވިދާޅުވަމުން "މަޖުބޫރުވެއްޖެއްޔާ އެ ތަންތަން ވެސް ހަލާކުކޮށްލާނަން. އެކަމަކު އެކަހަލަ ކަމެއް ކުރަން އަހަރެން ވަރަށް ދެރަވޭ." ކަމަށެވެ.
އީރާނުން ކުރިންވސް ބުނެފައި ވަނީ އީރާނަށް އެފަދަ ހަމަލައެއް ދީފިނަމަ އެމެރިކާގެ އަރަބި އައުވާނުންގެ އާރްއޯ ޕްލާންޓްތަކާއި ކަރަންޓު އުފައްދާ ތަންތަން ބިމާ ހަމަ ކޮށްލާނެ ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން މިއަދު ހެނދުވެސް އީރާނަށް ހަމަލަ ދޭން ފުރުސަތުދޭ ކުވެއިތާއި ބަހުރައިންއިން ކަރަންޓު ކަނޑާލިއެވެ.
އެންމެ މަތީ ލީޑަރު އަވަހާރަކޮށްލި މައްސަލައާ މެދު ވިސްނާލައްވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ: "އަހަރެމެން އެމީހާ (ޚާމަނާއީ) މަރާލީ. އެހެންވީމާ އެކަން ބަލަންޖެހޭނީ އެގޮތަށް ކަމަށް އަހަރެން ދެކެނީ. ޖަނާޒާގެ ތެރޭގައި އެމީހުން (އީރާނުގެ ދެން ތިބި ވެރިން) އެދުނު އެމީހުން ވެސް ނުމެރުމަށް، އަދި އަހަރެމެން ބުނިން ތިޔަބޭފުޅުންނެއް ނުމަރާނަމޭ." ފޮނިކަނޑަމުން ޓްރަމްޕް ބުންޏެވެ.
އިތުރު ވައިގެ ހަމަލާތައް ދިނުމުގެ އިންޒާރުގެ އިތުރުން، އެމެރިކާގެ ރައީސް ވަނީ އީރާނުގެ ބަނދަރުތަކަށް އަލުން ފުރިހަމަ ކަނޑުގެ ބްލޮކޭޑެއް ކުރިމަތިކޮށް، އިޤްޠިޞާދީ ފިއްތުންތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. މީގެކުރިން ކުރިމަތިކުރި ބްލޮކޭޑް އުވާލާފައިވަނީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ދާދިފަހުން ސޮއިކުރި ލިޔުމުގެ ދަށުންނެވެ.
"އަހަރެމެން އެ ބްލޮކޭޑް އަލުން އިއާދަކޮށްފާނަން… އަދި އެއީ ހަމައެކަނި އީރާނަށް އޮންނާނެ ބްލޮކޭޑެއް،" ޓްރަމްޕް ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ މުހިންމު ކަނޑުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އީރާނުގެ ހަލުވި އަސްކަރީ ކުދި ބޯޓުތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމެރިކާގެ ސިފައިން މިހާރުވެސް ދަނީ "އެ ކުދި ބޯޓުތައް ހަލާކުކުރަމުން" ކަމަށެވެ.





