ހަނގުރާމައަށްފަހު ގަލްފުގެ ނާޒުކު ހާލަތާއި ޓްރަމްޕްގެ ސިޔާސަތު

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ސޮލިބީ ސަހުޔޫނީ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލި ފަހުމުނާމާއަކީ މެދުއިރުމަތީގެ ޖިއޯޕޮލިޓިކްސްއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މި އެއްބަސްވުމަކަށް އާދެވުނީ ދެ ފަރާތުގެ ވިސްނުން އެއްގޮތްވެގެންނެއް ނޫނެވެ. ނަމަވެސް، މިއީ އިޤްޠިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ފަރާތްވެސް އިންތިހާއަށް ވަރުބަލިވުމުގެ ނަތީޖާއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމުގެ މަގަކަށް ވިސްނަވަން މަޖުބޫރުވީ މިއަދުގެ ދުނިޔޭގެ ހަގީގަތްތަކާ ކުރިމަތިލާން ޖެހުމުންނެވެ. ޖީ-7 ސަމިޓުގައި ޓްރަމްޕް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަތް ގޮތުގައި، އޭނާ ބޭނުންފުޅުވީ "ހާބަޓް ހޫވަރ" ގެ ދުވަސްވަރު އެމެރިކާއަށް އައި ބޮޑު ތަދުގެ ޒިންމާ އުފުލަންޖެހޭ ފަދަ ވެރިއަކަށް ނުވާށެވެ. އެއީ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްޠިޞާދު އިނދަޖެހިދާނެކަމުގެ ބިރު އޮތުމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމަށް ލިބުނު ލޮޅުންތަކުން އެނގުނީ ގަލްފު ސަރަހައްދަށް އަންނަ ކުޑަ ލޮޅުމަކުން ވެސް މުޅި ދުނިޔެއަށް އަސަރުކުރާނެ ކަމެވެ. ހުރްމޫޒް ކަނޑުއޮޅި ބަންދުވުމުން ދުނިޔޭގެ ހަކަތައިގެ ބާޒާރު ހުއްޓުމަކަށް އައެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ލިބުން ދަތިވުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އެފްއޭއޮއިން ބޮޑު ކާރިސާއެއްގެ އިންޒާރު ދޭންޖެހުނެވެ.

އެމެރިކާގެ އެތެރޭގެ މަސްރަހަށް ބަލާއިރު، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އިންތިޚާބާ ކުރިމަތިލާއިރު ރައީސް ޓްރަމްޕްގެ މަގުބޫލުކަން ދަށްވެ، މި ހަނގުރާމައަކީ ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ބޮޑު ބުރަޔަކަށް ވެގެންދިޔައެވެ. ވުމާއެކު، އެމެރިކާއަށް ޖެހުނީ ފަހަތަށް ޖެހޭށެވެ.

ނަމަވެސް، މި އެއްބަސްވުމާއެކު ހަނގުރާމައިގެ އަޑު މެދުކަނޑާލި ކަމުގައިވިޔަސް، ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ކުރީގެ ސަލާމަތީ ނިޒާމު މިހާރު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އެމެރިކާއަށް ބޭސްތައް ދީގެން ހިމާޔަތް ހޯދިދާނެ ކަމަށް ގަލްފު ކައުންސިލްގެ ގައުމުތަކުން ކުރި އުންމީދު، އީރާނުން އެ ބޭސްތަކަށް ދިން ރައްދު ހަމަލާތަކުން ވަނީ ފެނަށްވެފައެވެ. މިއަދު މި ސަރަހައްދުގެ މުސްތަގުބަލާ މެދު ތިން ގޮތަކަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

1. ކުދި ގުރޫޕުތަކެއްގެ ގޮތުގައި ބެހިގެންދިއުން

މިއީ އެންމެ ވުންގާތް ގޮތެވެ. ގައުމުތަކުގެ މެދުގައި އޮތް އިތުބާރު ކުޑަކަމުން ބޮޑު އެއްބަސްވުމަކަށް ނުދެވޭނެއެވެ. އޭގެ ބަދަލުގައި، ގައުމުތަކުން ވަކިވަކިން އެމީހުންގެ އަމިއްލަ ފައިދާއަށް ސިޔާސަތުތައް ބައްޓަންކުރާނެއެވެ. މިސާލަކަށް، ސައުދީން އެމީހުންގެ އިޤްޠިޞާދީ މަޝްރޫޢުތައް ހިމާޔަތްކުރުމަށް ޗައިނާ މެދުވެރިކޮށް އީރާނާއެކު އޮންނަ ގުޅުން ދަމަހައްޓަމުން، އަނެއްކޮޅުން އެމެރިކާއާއެކު ސަލާމަތީ އެއްބަސްވުމެއް ހަދާނެއެވެ. ޔޫއޭއީ އިން އީރާނާއި އިސްރާއީލާ ދެ ފަރާތާއެކު ވިޔަފާރީގެ ގުޅުން ބާއްވާނެއެވެ. މިއީ ވަގުތީ ހަމަޖެހުމެއް ނަމަވެސް، ކޮންމެ ވަގުތަކުވެސް މައްސަލަ ހޫނުވެދާނެ ހާލަތެކެވެ.

2. ސުންނީ ގައުމުތަކުގެ އިއްތިހާދެއް ހެދުން

މި ޑިޕްލޮމެސީ ނާކާމިޔާބުވެއްޖެނަމަ، ގަލްފުގެ ގައުމުތަކުން އެމެރިކާ އާއި އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅު ރަސްމީ އިއްތިހާދެއް ހަދާނެއެވެ. މީގެ ސަބަބުން އީރާނު އެކަހެރިވެ، ނުރައްކާ ބޮޑުވާނެއެވެ. އޭގެ ރައްދުގައި އީރާނުން ރަޝިޔާ އާއި ޗައިނާއާ ގުޅުން ބަދަހިކޮށް، ނިއުކްލިއާ މުއްސަނދިކުރުން އަވަސްކޮށް، ސައިބަރ ހަމަލާތަކާއި ކަނޑުމަތީގެ ހަމަނުޖެހުންތައް އިތުރުކުރާނެއެވެ. މިއީ މުޅި ސަރަހައްދު އަނެއްކާވެސް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާނެ ސިނާރިއޯއެކެވެ.

3. މުޅި ގަލްފު ހިމެނޭ ސަލާމަތީ ކައުންސިލެއް ހެދުން

މިއީ އެންމެ ފައިދާހުރި، ނަމަވެސް ވުން އެންމެ ދުރު ގޮތެވެ. މީގެ ތެރޭގައި ޖީސިސީގެ ގައުމުތަކުގެ އިތުރުން އީރާނާއި އިރާގު ހިމެނި، އެއް ގައުމުން އަނެއް ގައުމުގެ ދާޚިލީ ކަންކަމާ ނުބެހުމުގެ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި ސޮއިކުރުމެވެ. މީގައި ޕާކިސްތާނާއި ތުރުކީން ބޭރުގެ ގެރެންޓަރުންގެ ބައި އަދާކުރެވިދާނެއެވެ. މިފަދަ އެއްބަސްވުމަކުން އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން ގުޅިގެން ބާރު ފޯރުވޭނެއެވެ.

ޕާކިސްތާނަށް ބަލާއިރު، އެ ގައުމުން ގެންގުޅެނީ އެއްވެސް ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ސައުދީއާއެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް، އީރާނު އެކަހެރިކޮށްލާ އެއްވެސް އިއްތިހާދެއްގައި ބައިވެރިވުމަށް ޕާކިސްތާނުން ދެކޮޅު ހަދައެވެ. އެއީ އަމިއްލަ ބޯޑަރުގެ ސަލާމަތަށްޓަކައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯގެ ބަޔާންތަކުން އެނގޭ ގޮތުގައި އެމެރިކާއިން ގަލްފު ސަރަހައްދު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް، އީރާނަކީ އެ ސަރަހައްދުގެ ދާއިމީ ބައިވެރިއެއްގެ ގޮތުގައި ބަލައިގަނެ، އެކަހެރިކުރުމުގެ ސިޔާސަތު ދޫކޮށްނުލާހާ ހިނދަކު، މިހާރު މިއޮތް ސުލްހައަކީ ރޯވެފައިޥާ ފީތާއެއް ހެން ކޮންމެ ވަގުތަކުވެސް ގޮވައިދާނެ ވަގުތީ ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!