އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އަމިއްލަ މީސްމީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" މެދުވެރިކޮށް، ބުރާސްފަތި ދުވަހުގެ ފަތިހު އީރާނުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ދިން ކަމަށް ބުނާ ހަމަލާތަކެއް ކަމަށް ދޭހަވާ ގޮތަށް ފޮޓޯއަކާއި ވީޑިއޯތަކެއް އާންމުކުރެއްވިއެވެ. ނަމަވެސް، މިވީޑިއޯތަކަކީ ކުރިން ހިނގާފައިވާ އެކި ހާދިސާތަކުގެ ވީޑިއޯތަކެއްކަން ތަހުގީގުތަކުން މިވަނީ ހާމަވެފައެވެ.
ރައީސްގެ ރަސްމީ އެކައުންޓުން މި މަންޒަރުތައް އާންމުކުރުމާއެކު، އިޒްރޭލުގެ މީޑިއާއާއި އީރާނުގެ އިދިކޮޅު ފަރާތްތަކާއި އަދި އަރަބި އެތައް މީޑިއާއަކުން ވަނީ މިއީ ބުރާސްފަތި ދުވަހުގެ ފަތިހު ދިން ހަމަލާތައް ކަމަށް ބަލައިގަނެ، އެ ވީޑިއޯތައް ފަތުރާފައެވެ.
ކަށަވަރުކުރެވުނު ހަގީގަތްތައް:
- ޓްރަމްޕް އާންމުކުރެއްވި އަލިފާނުގެ ހާދިސާ ފެންނަ ފޮޓޯއަކީ ބުރަސްފަތީގެ ހަމަލާތަކާ ގުޅުންހުރި އެއްޗެއް ނޫނެވެ. އެ ފޮޓޯއަކީ މިދިޔަ މާރިޗު މަހު "ސަބްރީ ޝާހްސުވާރު" ކިޔާ އެކައުންޓަކުން އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން އާންމުކޮށްފައިވާ ދުވަސްވީ ފޮޓޯއެކެވެ.
- ހަމަލާތަކެއްގެ އަޑު އިވޭ ކަމަށް ފެތުރި ވީޑިއޯއަކީ ބުދަ ދުވަހުގެ ފަތިހު ބަންދަރު އައްބާސްއަށް ދިން ހަމަލާތަކާ ގުޅޭގޮތުން ކުރިން އާންމުވެފައިވާ ވީޑިއޯއެކެވެ.
- ގެދޮރު ހުންނަ ސަރަހައްދެއްގައި ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކީ ބުދަ ދުވަހު ޚަރަޖް ސިޓީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެކެވެ.
ރައީސް ޓްރަމްޕް، އެއްވެސް އިތުބާރު ހުރި މަސްދަރަކުން ޔަގީންކުރުމެއް ނެތި މިފަދަ ވީޑިއޯތައް އާންމުކުރެއްވުމުން، ހަމަލާތަކުގެ އަސަރު އޮތް ވަރަށްވުރެ މާ ބޮޑުކޮށް ދައްކުވައިދީ، އާންމުންގެ މެދުގައި ނުތަނަވަސްކަމާއި އޮޅުންބޮޅުން އުފެދިފައިވެއެވެ. މިއީ މީސްމީޑިއާގައި ދޮގު މައުލޫމާތު ފެތުރުމުގައި އާންމުކޮށް ޓްރަމްޕް ގެންގުޅޭ އޮޅުވާލުން ހާމަވާ ކަމެކެވެ.




