ފިސާރި ގޮތްކުޑަ އަންހެނެއް!

މިއީ ފިސާރި ގޮތްކުޑަ އަންހެނެއްކެވެ. އެ އަންހެންމީހާ ބޭނުންވީ އަމިއްލަ ގައުމުގެ، ފިރިހެނަކާ ކައިވެނިކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅޭށެވެ. އެކަމަކު އެއްދާން ކުރަން ބޭނުން ވަނީ ބޭރު މީހަކާއެވެ. ފިރިމީހާއަށް ވަގަށް ބިދޭސިންނާއެކު ބާއްވާ ސިއްރު ލޯބީގެ ގުޅުން ފަޅާ އަރަނީ ވިހާ އިރު ކުދިންގެ ކުލަ ދިމާނުވުމުންނެވެ.

މިއީ އެ ދެބާވަތުގެ ދިރިއުޅުން އެއްކުރަން އުޅުމުގެ ތެރޭގައި، ކޮންމެ ފަހަރަކުވެސް ބަލިވެ އިނދެ ވިހާ ދެކުނު ކޮރެއާ އަންހެނެއްްގެ ވާހަކައެވެ. އޭނާ ބަނޑުބޮޑުވާ ކޮންމެ ފަހަރަކު، އުފަންވާ ބިދޭސީ ސިފަ ހުންނަ ތުއްތު ކުދިންތައް ކޮރެއާ ފިރިމީހާ ލައްވައި މަގުމަތިކޮށްލަން މަޖުބޫރު ކުރުވައެވެ.

މި އާދިއްތަ ދުވަހު ދެކުނު ކޮރެއާގެ އުއިޖޮންގްބު ޑިސްޓްރިކްޓް ކޯޓުން އިއްވި ހުކުމަކީ، މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން މި އަންހެން މީހާ ހިންގި ހީލަތްތެރި އަމަލުތަކުގެ ސިއްރު ބޭޒާރުވެ މުޅި މުޖުތަމައު ސިއްސުވާލި ހުކުމެކެވެ.

ފުރަތަމަ ލޯބި: 2005 ގެ އޮޅުވާލުން

މި ހާދިސާގެ ފެށުމަކީ 2005 ވަނަ އަހަރެވެ. ގްޔޮންގީ ޕްރޮވިންސްގެ ޕޮޗެއޮންގައި އޭނާ ކޮރެއާ ފިރިމީހާއާއެކު ދިރިއުޅެމުންދިޔަ ދުވަސްވަރު، ބިދޭސި ފިރިހެނަކާ ޒިނޭގެ ގުޅުމަކުން ފުރަތަމަ ފަހަރަށް ބަލިވެ އިނެއެވެ. މާބަނޑު ދުވަސްވަރު އޭނާގެ ފިރި ސޮރު ހުރީ ދަރިއެއް ލިބޭތީ އުފަލުންނެވެ. ގަރުބަ ގަނެފައި ވަނީ އަމިއްލަ ދަރިއެއް ކަމަށް ހީކޮށެވެ. އެ ފިރިހެންމީހާ ހުރީ އެގޮތަށް ގަބޫލުކޮށްގެން އުހަލުގައެވެ.

ނަމަވެސް، ވިހެއުމާއެކު މުޅި މަންޒަރު ބަދަލުވިއެވެ. ދަރިފުޅުގެ ސިފަ ހުރީ ސާފުކޮށް ދެ ނަސްލެއް މައްސުނި ވުމުން ހުންނާނެ ގޮތަށެވެ. އުފަންވެފައިވާ ކުއްޖާގެ ކުލަ ދިމަލެއް ނުވިއެވެ. އެއީ ބިދޭސިއެއްގެ ދަރިއެއްކަން އެނގުމުން، ފިރިމީހާ ނިންމީ އެ ކުއްޖާ ދޫކޮށްލާށެވެ. މައިމީހާވެސް އެގޮތަށް ރުހުނެވެ. އަދި ސިއްރު ރައްކާތެރިކުރުމުގެ ގޮތުން ފިރިމީހާ އަންހެނުން ވިހޭތާ މަހެއްވެސް ނުވަނީސް، އެ ތުއްތު ކުއްޖާ ގެންގޮސް ޔަތީމުޚާނާއެއްގެ ދޮރުމަތީގައި ބޭއްވިއެވެ.

ތަކުރާރުވީ އާދަ: 2008 ގެ ވަގުތީ ހިޔާ

މި ދެމަފިރިން ދުވަސްކޮޅަކަށް ވަކިވެގެން އުޅުނެވެ. އެކަމަކު 2008 ވަނަ އަހަރު އަލުން ގުޅިގެން ކައިވެނި ކުރިއެވެ. ނަމަވެސް، އަންހެންމީހާގެ ބޭރު މީހުންނަށް ހުންނަ ޝައުގުވެރިކަމެއް ނުހުއްޓުނެވެ. އޭނާ އަނެއްކާވެސް ބަނޑު ބޮޑުވެ އިނެވެ. ފިރިމީހާ އަނެއްކާވެސް ދަރިއެއް ލިބެނީ ކަމަށް ހީކޮށް އުފަލުން ފޮޅުނެވެ.

ފިރިމީހާގެ މައިންބަފައިންގެ ދަނޑެއްގައި ހުރި ވަގުތީ ޖިފުޓިއެއްގެ ތެރޭގައި ދެވަނަ ދަރިފުޅު ވިހެއެވެ. އަދި އަހަރެއްހާ ދުވަސްވަންދެން ދެމަފިރިން އެކުއްޖާ ގެންގުޅުނެވެ. ނަމަވެސް، ކުއްޖާ ބޮޑުވަމުން އައި ވަރަކަށް އަނެއްކާވެސް ބޭރު މީހެއްގެ ސިފަތައް ފާޅުވާން ފެށިއެވެ.

މިފަހަރުވެސް މައްސުނިކަމެއް އުޅޭކަމަށް ފިރިމީހާ ޝައްކު ކުރިއެވެ. އަދި އަންހެން މީހާއާ ދިމާއަށް ހަޅޭއްލަވައި ހަގީގަތް އެނގެން ބޭނުންވިއެވެ.

ފިރިމީހާއަށް އޭނާގެ ހަގީގަތް އެނގި، ކުރިމަތިލުމަކަށް ދާންޖެހިދާނެތީ ބިރުން، 2009 ވަނަ އަހަރުގެ މާޗް މަހު އަންހެންމީހާ ނިންމީ ފިލައިގެން ދާށެވެ. ދެން ފިރިމީހާ ކަން ކުރީ ކުރިންވެސް ކަން ކުރި ގޮތަށެވެ. ދިޔައީ ހަމަ އެ ޔަތީމު ޚާނާގެ ދޮރު މައްޗަށެވެ. ކުއްޖާ ދަންވަރު ދޫކޮށްލީ ހަމަ އެތަނަށެވެ.

ދިހަވަރަކަށް އަހަރު ފަހުން ފަޅާއެރި ހަގީގަތް

މި ހީލަތްތެރި އޮޅުވާލުންތަކާއި ކުޑަކުދިން މަގުމަތިކުރުމުގެ ޖަރީމާ ސިއްރުވެފައި އޮތެވެ. ނަމަވެސް ދާދި ފަހުން ދެކުނު ކޮރެއާގެ ސަރުކާރުން ހިންގި ބޮޑު ތަހުގީގެއްގެ ތެރެއިން މި ކަން ބޭޒާރުވިއެވެ. ވިހާފައިވާ ނަމަވެސް ރަސްމީކޮށް ރަޖިސްޓްރީ ނުކޮށް ތިބި ކުދިން ހޯދުމަށް ފެށި ރިވިއުގެ ތެރެއިން މި ދެ ކުދިންގެ މައްސަލަ ފާހަގަވިއެވެ.

ކޯޓުން ބުނި ގޮތުގައި، ދެމަފިރިންގެ އަތުން މަގުމަތިކޮށްލި ދެ ކުދިންވެސް މިހާރު ވަނީ ރައްކާތެރިކަމާއެކު ބޮޑެތިވެފައެވެ.

ކޯޓުގެ ހުކުމް: މައިމީހާއަށް ބޮޑު ޒިންމާއެއް

އުއިޖޮންގްބު ޑިސްޓްރިކްޓް ކޯޓުން ކުއްޖާގެ މައިމީހާގެ މައްޗަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ފިރިހެންމީހާގެ މައްޗަށް އިއްވީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދެމަފިރިން ކުށަށް އިއުތިރާފުވުމުން މި ހުކުމްތައް ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ތަންފީޒު ނުކޮށް ފަސްކޮށްދީފައެވެ.

ގާޒީ ހުކުމްގައި ވަރަށް ސާފުކޮށް ބަޔާންކުރެއްވިއެވެ: "އަންހެންމީހާ އޭނާގެ ފިރިމީހާއަށް އޮޅުވާލާ، އެއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލުކުރުވިއެވެ. އަދި ހަގީގަތް އެނގުމުން ފިރިމީހާ އެ ކުއްޖާ އެއްލާލާނެކަން އެނގިހުރެވެސް، އަމިއްލައަށް ފިލައިގެން ދިއުމަކީ ކުއްޖާ ރައްކާތެރިކުރުމުގެ ޒިންމާއިން މައިމީހާ މުޅިން އެއްކިބާވުމެވެ."

ހިއްސާ ކުރައްވާ!