ފަލަސްތީނުގެ މަޝްހޫރު ލީޑަރު މަރުވާން ބަރުޣޫސީއަށް އިޒްރޭލުގެ ޖަލެއްގައި އަނިޔާކޮށްފިއެވެ. އޭނާގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ ވަނީ ނިންމަވާފައެވެ.
ބަރުޣޫސީގެ އާއިލާއިން އޭނާގެ ވަކީލާ ހަވާލާދީ ބުނި ގޮތުގައި، ނަފްހާ ޖަލުގައި އޭނާ ބަހައްޓާފއއިވާ ގޮޅިއަށް ޖަލު އޮފިސަރަކު ވަދެ، އޭނާގެ ފައިގެ ކުޑަހުޅާ ދިމާއަށް ރަބަރު ވަޒަނެއް ޖެހުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއްވެ، ލޭ ފައިބާފައިވެއެވެ.
މީގެ އެތައް މަހެއް ކުރިން، އިޒްރޭލުގެ ހައްދުފަހަނައެޅި އިންޓަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާ ބެން-ގްވީރު ވަނީ ބަރުޣޫސީގެ ގޮޅިއަށް ވަދެ، އޭނާއަށް އިންޒާރުތަކެއް ދީފައެވެ. ފަލަސްތީނުގެ "ފަތަހް" ޖަމާއަތުގެ ސެންޓްރަލް ކޮމިޓީގެ މެމްބަރެއް ކަމަށްވާ ބަރުޣޫސީއަކީ އެ ޖަމާއަތުގެ އިސް ލީޑަރެކެވެ. އަދި އައްބާސްގެ ވެރިކަމަށް އޭނާ އަކީ ނުރައްކަލެކެވެ. އައްބާސާ ޙިލާފަށް އޭނާއަކީ މަގްބޫލު ލީޑަރެކެވެ.
މީގެ ދެ މަސް ދުވަސް ކުރިންވެސް، ޖަލު އޮފިސަރަކު ބަރުޣޫސީއަށް އަމާޒުކޮށް އަޑުގަދަ ބޮމެއް އެއްލުމުގެ ސަބަބުން އޭނާގެ އެއް އަތް ފިހިފައިވެއެވެ. ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އޭނާ ހުންނަވަނީ އެކަހެރިކޮށް، ގޮޅިއެއްގައި ބަންދުކޮށްފައެވެ.
ފަލަސްތީނުގެ މި ލީޑަރުގެ އާއިލާއިން ބުނީ، އިޒްރޭލުގެ ސަރުކާރުން ބަރުޣޫސީއަށް ދެމުންދާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ "އޭނާގެ ފުރާނައަށް އޮތް ބިރެއް" ކަމަށް އިންޒާރުދީފައިވާ ކަމަށެވެ.
ވަކީލު ފަދްވާ ބަރުޣޫސީ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބަރުޣޫތސީއަށް ދިން މި އަނިޔާ ދިމާވީ އިޒްރޭލުގެ ސަރުކާރުން އޭނާއާ ދެކޮޅަށް ހިންގަމުންދާ މީޑިއާ ކެމްޕޭނަކާ ދިމާކޮށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "މަރުވާން ބަލިކަށި ކުރުމަށް ކުރަމުންދާ އާ މަސައްކަތެއްގެ ތެރެއިން، 'މަރުވާނަށް މިނިވަންކަން، ފަލަސްތީނަށް މިނިވަންކަން' މި ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކެމްޕޭނާ ދިމާކޮށް އިޒްރޭލުން ވަނީ ދޮގު ރިޕޯޓުތައް ފަތުރާފައި. މި ކެމްޕޭނަށް ދުނިޔޭގެ ލީޑަރުންނާއި އާންމުންގެ ބޮޑު ތާއީދެއް ލިބެމުންދާތީ، ޖަލު އޮފިސަރަކު ވަނީ އޭނާގެ ފައިގެ ކުޑަހުޅަށް ރަބަރު ވަޒަނެއް ޖަހާ، ލޭ އޮހޮރުވާލާފައި،" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައިވެސް އިޒްރޭލަށް ނުވިސްނުނު އަދި އަދާހަމައަށްވެސް ނުވިސްނޭ ކަމަކީ، މިނިވަންކަމަކީ ހައްގެއް ކަމަށާއި އިޒްރޭލުގެ ފައުޖުތައް ނިމުމަކަށް އަންނާނެ ކަމަށް މަރުވާން ދެކޭ ގޮތް ދުވަހަކުވެސް ދޫކޮށްނުލާނެކަން،" ކަމަށެވެ.
އާދީއްތަ ދުވަހު، އަރަބް ލީގުން ވަނީ ފަލަސްތީނުގެ ހަރަކާތުގެ އެންމެ މަޝްހޫރު އެއް ލީޑަރު މަރުވާން ބަރުޣޫސީއަށް އިޒްރޭލުގެ ޖަލުތަކުގައި ދެމުންދާ އަނިޔާވެރި އަދި ތަކުރާރުކޮށް ދެމުންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.






