އޭއައި އައިނު ބޭނުންކޮށްގެން އިމްތިހާނުގައި މަކަރު ހަދަނިކޮށް ބޭޒާރު ވެއްޖެ

އިމްތިހާނު ހޯލުގެ ތެރޭގައި މޭޒުތަކުގެ ދޮށުގައި ތިބި ކެންޑިޑޭޓުން ދިޔައީ ފަޔަރ ޕްރޮޓެކްޝަން ފެސިލިޓީޒް އިންޖިނިއަރ ސެޓިފިކެޓް އިމްތިހާނުގެ ކަރުދާސްތަކަށް ސަމާލުކަންދެމުންނެވެ. ނަމަވެސް، ހޯލް ސުޕަވައިޒަރުގެ ލޮލުގައި އަޅައިގަތީ އާދަޔާ ހިލާފު ކަމެކެވެ. އުމުރުން 40 ގެ އަހަރުތަކުގެ ފިރިހެނަކު އަޅައިގެން ހުރި އައިނުގެ ލެންސުން، ހޯލުގެ އަލި ދައުރުވަމުންދިޔައީ އާދައިގެ ބިއްލޫރިގަނޑަކުން އަލި ދައުރުވާ ގޮތަކަށް ނޫނެވެ. އޭގެ ފަހަތުގައި ހުރީ ޑިޖިޓަލް ލޮޅުމެކެވެ.

އެ ހުޝިޔާރު ފާހަގަކުރުމާއެކު، ސައުތު ކޮރެއާގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، އާޓިފިޝަލް އިންޓެލިޖެންސް އިންދާފައިވާ "ސްމާޓް ގްލާސަސް" ނުވަތަ އޭއައި އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރުހެދި މައްސަލައެއް ފަޅާއއެރރީއެވެ. މިހާރު މިކަން މިވަނީ ގާނޫނީ ބޮޑު ފިޔަވަޅަކާ ހަމައަށް ގޮސްފައެވެ.

މި މައްސަލައިގެ އެންމެ ހައިރާންކުރުވަނިވި ބަޔަކީ މިއީ ހަމައެކަނި ބޭރުން ގަނެގެން އުޅުނު ޑިވައިސްއެއް ނޫންކަމެވެ. ގުވަންޖޫ ޑިސްޓްރިކްޓް ޕްރޮސެކިއުޓާސް އޮފީހުން މިދިޔަ މަހު މި މީހާގެ މައްޗަށް ނޭޝަނަލް ޓެކްނިކަލް ކޮލިފިކޭޝަން އެކްޓާ ޚިލާފުވި ކަމުގެ ދައުވާ އުފުލައި، ޝަރީއަތަށް މައްސަލަ ފޮނުވާލާފައިވާއިރު، ތަހުގީގުގައި އޭނާ ވަނީ ބޮޑު ކުށަކަށް އިއުތިރާފެއް ވެފައެވެ.

އޭނާ ބުނި ގޮތުގައި، އެ އައިނާ ގުޅުވައިގެން މަސައްކަތްކުރާ ހާއްސަ އޭއައި އެޕްލިކޭޝަނެއް އަމިއްލައަށް ޑިވެލޮޕްކުރީ ޚުދު އޭނާއެވެ. އޭނާ އިމްތިހާނަށް ދިޔައީ ކަރުދާސް ފާސްވުމުގެ ހުވަފެނަށްވުރެ ބޮޑަށް، އޭނާ ހެދި އޭއައި ސިސްޓަމުން އިމްތިހާނުގެ ސުވާލުތަކަށް ރަނގަޅު ޖަވާބުތައް ސީދާ އައިނުގެ ބިއްލޫރިގަނޑަށް ދައްކުވައިދޭތޯ ޓެސްޓްކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް، އެ ޓެކްނޮލޮޖީގެ މޮޅުކަން ދައްކާލުމުގެ ކުރިން އޭނާގެ މަކަރުވެރިކަން ވަނީ ފަޅާއަރާފައެވެ.

މި ހާދިސާ ބޭޒާރުވުމަކީ ސައުތު ކޮރެއާގެ ތައުލީމީ އަދި ވަޒީފާގެ ބާޒާރު ބަލަހައްޓާ މުއައްސަސާތަކަށް ލިބުނު ސިހުމެކެވެ. ސަބަބަކީ މިއީ ވަކި އެކކު ކުރި ކަމެއް ނޫންކަން އެނގުމެވެ.

  • ހަމަ އެ މަހު ސޯލް އަދި މޮކްޕޯގެ އިމްތިހާނު ސެންޓަރުތަކުން ވެސް މިފަދަ އޭއައި އައިނު ބޭނުންކޮށްގެން މަކަރުހަދަން އުޅުނު އުމުރުން 20 ގެ އަހަރުތަކުގެ ދެ ޒުވާނަކު ވަނީ އަތުލައިގަނެފައެވެ.
  • މީގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އިނގިރޭސި ބަހުގެ އިމްތިހާނުތަކުގައި ވެސް މެއި މަހު ދެ މީހަކު އަދި ޖޫން މަހު އެކަކު މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރުހަދަނިކޮށް ވަނީ އަތުލައިގަނެފައެވެ.

އޭއައި ޓެކްނޮލޮޖީގެ ސަބަބުން އިމްތިހާނުތަކުގެ ނަޒާހަތްތެރިކަން މުޅިން ގެއްލިދާނެކަމުގެ ބިރު ބޮޑުވުމުން، ގައުމީ އިމްތިހާނުތައް ހިންގާ އިދާރާތަކުގެ އިސްވެރިން ވަނީ މިދިޔަ ޖުލައި 10 ގައި ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި، އިމްތިހާނު ހޯލަށް ވެއްދުން މަނާ ތަކެތީގެ ލިސްޓަށް އޭއައި އައިނު ސީދާ ނަމުން އިތުރުކުރުމަށާއި، މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރުހަދާ މީހުންނަށް ދޭ އަދަބުތައް މިހާރަށްވުރެ އެތައް ގުނައެއް ހަރުކަށިކުރުމަށް ވަނީ ނިންމާފައެވެ. މިއީ ހަމައެކަނި ކުށެއްގެ ވާހަކައެއް ނޫނެވެ. މިއީ އިންސާނާގެ ސިކުނޑީގެ ގާބިލުކަން ވަޒަންކުރާ އިމްތިހާނުތަކުގެ މައްޗަށް، އޭނާ އަމިއްލައަށް އުފެއްދި އޭއައި ޓެކްނޮލޮޖީ ސިއްރުން އަތްގަދަކުރަން ފެށުމުން އުފެދުނު އާ ޒަމާނުގެ ބިރުވެރި ޑްރާމާއެކެވެ.

ހިއްސާ ކުރައްވާ!