އެމެރިކާގެ ސިފައިން ބެން ގޫރިއަން އެއާޕޯޓުގައި ތެޔޮ އަޅާ މަތިންދާބޯޓުތައް ޖެއްސުން އިސްރާއީލުން މަނާ ކޮށްފިއެވެ. އިސްރާއީލުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި މި ނިންމުމުގެ ސަބަބުން ކޮންމެ ދުވަހަކު ބާއްވާ މަދަނީ ގިނަ ފްލައިޓްތަކެއް ކެންސަލްކުރަންޖެހި، ތެލް އަވީވަށް އިޤްތިޞާދީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ފިޔަވަޅަކީ އިސްރާއީލުގެ އެއާޕޯޓްސް އޮތޯރިޓީއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ބޮޑު ކޯޅުމެއްގެ ނަތީޖާއެވެ. އަދި މި ބޯޓުތައް ޖައްސާނަމަ، މި ހޫނު މޫސުމުގައި 50،000 އެއާލައިން ޓިކެޓް ކެންސަލްކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މިހާރުވެސް އިސްރާއީލުގައި އެމެރިކާގެ އަސްކަރީ 34 ތެޔޮ އަޅާ ބޯޓު އެބައޮތެވެ. މީގެ ތެރެއިން 4 ބޯޓަކީ އެމެރިކާއާއި އީރާނާ ދެމެދު އަލުން އުފެދުނު ދެބަސްވުންތަކާ ގުޅިގެން ފަހުން ގެނައި ބޯޓުތަކެކެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރި ގޮތުގައި، އެމެރިކާ ސިފައިން ވަނީ ބެން ގޫރިއަން އެއާޕޯޓުގައި ބޭއްވި ތެޔޮ އަޅާ ބޯޓުތައް އެެހެން ތަނަކަށް ބަދަލު ކުރުމަށް ކުރިން އެއްބަސްވެފައި މިހާރު އެކަން ކުރުން ހުއްޓާލާފައެވެ.
މި ބޯޓުތައް ބަދަލުކުރަން ކުރިން ނިންމީ ވޭތުވެދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށްފަހުގައެވެ. ނަމަވެސް، އިސްރާއީލުގެ އެއާޕޯޓްސް އޮތޯރިޓީގެ ޖެނެރަލް ޑިރެކްޓަރު ބުނީ އެމެރިކާގެ ބޯޓުތައް ބަދަލުކުރުމުގެ ބަދަލުގައި އިތުރު 4 ބޯޓު މިހާރު ވަނީ އެއާޕޯޓަށް ޖައްސާފައެވެ. އަދި މިގޮތަށް އެމެރިކާގެ އަސްކަރީ ބޯޓުތައް ގިނަ ދުވަހު ބޭއްވުމުން، ޖުލައި 23 އިން ފެށިގެން އާންމު ފްލައިޓްތައް ޕާކުކުރާނެ ޖާގަ މުޅިން ހުސްވާނެ ކަމަށް ޔަހުދީ ސަރުކާރުން ބުނެއެވެ.
އެމެރިކާ ބޯޓުތަކާ ހެދި ޖާގައިގެ ދަތިކަމުގެ ސަބަބުން އެއާޕޯޓްސް އޮތޯރިޓީއަށް ދުވާލަކު މަދަނީ 10 ފްލައިޓް ކެންސަލްކުރަން މަޖުބޫރުވާނެ ކަމަށެވެ. މީގެ ސަބަބުން ދަތުރުވެރިންނަށާއި، އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އިސްރާއީލުގެ އިޤްތިޞާދަށާއި ބެން ގޫރިއަން އެއާޕޯޓަކީ އިތުބާރު ހުރި އެއާޕޯޓެއްގެ ގޮތުގައި އޮތް ނަމަށް ބޮޑު ހުތުރެއް އަރާނެ ކަމަށް ޔަހޫދީން ބުނެއެވެ.
އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ދިމާވެދާނެ ނުރައްކާތެރި ހުރަސްތަކުން ސަލާމަތްވުމަށްޓަކައި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެމެރިކާގެ ބޯޓުތައް އަވަހަށް ބަދަލުކުރުމަށް ފިޔަވަޅު އެޅުމަށާއި އިތުރު ބޯޓުތައް ނުޖެއްސުމަށް ވަނީ އަންގާފައެވެ.






