ޗައިނާގެ މަތީ ތައުލީމު ހާސިލުކޮށްގެން ތިބި ޒުވާން ފިރިހެނުންގެ މެދުގައި، ޒަމާނީ އަންހެނުންނާއި ފެމިނިޒަމް ނުވަތަ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފިކުރާ ދެކޮޅަށް އުފެދެމުންދާ ނުރުހުންތެރިކަން ދަނީ އިތުރުވަމުންނެވެ.
ޗައިނާގެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ޒީހޫ" ގައި "ޕެންގް ހުއިތަންގް" ގެ ނަމުގައި ހަރަކާތްތެރިވާ، 50،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އިންފްލުއެންސަރެއްގެ ލިޔުންތަކުން މިކަން ވަރަށް ސާފުކޮށް ފެނެއެވެ. އޭނާ ބުނާ ގޮތުގައި، ޒަމާނީ ފެމިނިސްޓް ވިސްނުމުގެ ސަބަބުން ޒުވާން އަންހެނުންގެ ސިކުނޑިތައް ވަނީ ހަލާކުވެފައެވެ. އަދި ފިރިހެނުންނަކީ އުފެދުމުގައި ވެސް އަންހެނުންނަށް ދަރާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުމެއް އަންހެނުންގެ މެދުގައި އުފެދި، ފިރިހެނުންނަށް ނަފުރަތުކުރުން އިތުރުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއެވެ.
މިއީ ޗައިނާގެ ޑިޖިޓަލް މާހައުލުގައި އުފެދެމުންދާ "މެނޮސްފިއާ"ނުވަތަ ފިރިހެނުންގެ ހައްގުތަކުގެ ނަމުގައި އަންހެނުންނަށް ނަފުރަތު ފަތުރާ އޮންލައިން މުޖުތަމައުގެ ވަރަށް ކުޑަ މިންވަރެކެވެ.
މާހިރުން ދެކޭގޮތުގައި، މިފަދަ ނަފުރަތުގެ ފިކުރުތައް ފެތުރެނީ ހަމައެކަނި އަންހެނުންދެކެ އަންނަ ރުޅިއަކުން ނޫނެވެ.
މިއީ ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހުމާއި، ވަޒީފާގެ ބާޒާރުގައި އޮތް ބޮޑު ވާދަވެރިކަމާއި، އަދި ކައިވެނިކުރުމާއި އާއިލާ ބިނާކުރުމުގައި ޒުވާން ފިރިހެނުންނަށް ކުރިމަތިވަމުންދާ އިޖުތިމާއީ ހުރަސްތަކުގެ ސަބަބުން އުފެދިފައިވާ މާޔޫސްކަމުގެ ނަތީޖާއެކެވެ. ޗައިނާގެ ސަރުކާރުން ބޭނުންވަނީ އާބާދީ އިތުރުކުރުމަށްޓަކައި ކައިވެނިތައް ގިނަކުރާށެވެ. ނަމަވެސް އޮންލައިންކޮށް ފެތުރޭ މިފަދަ ޖިންސީ ތަފާތުކުރުންތަކާއި ނަފުރަތުގެ ސަބަބުން، ޒުވާން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް އިތުބާރު ގެއްލި، އިޖުތިމާއީ ބޮޑު ރެނދެއް ވަނީ އުފެދެން ފަށާފައެވެ.





