އިންޑިޔާގެ ނީޓް އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ ޝަރީއަތްތައް އަވަހަށް ނިންމައި، ހަރުކަށި އަދަބު ދިނުމަށްޓަކައި ހާއްސަ އަވަސް ނިޔާ ކަނޑައަޅާ ކޯޓުތަކެއް ސަރުކާރުން ގާއިމުކުރައްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ބުރާސްފަތި ދުވަހު އިއުލާނުކުރައްވައިފިއެވެ. މޮދީ މިކަން ހާމަ ކުރެއްވީ އިންޑިއާގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ކޮކްރޮޗް ޖަނަތާ ޕާޓީގެ މުޒާހަރާތަކާ ގުޅިގެން އިންޑިއާ ހަލަބޮލިވުމާ ގުޅިގެންނެވެ. އަދި ދަރިވަރުންގެ މަސްލަހަތު ހިމާޔަތުކުރުމަކީ ސަރުކާރުގެ އެންމެ އިސްކަންދޭ ކަންތައް ކަމަށް މޮދީ ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، "ޒުވާނުންގެ ލާބަޔާއި މަންފާއަށާއި މުސްތަގުބަލަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް! ސުވާލު ކަރުދާސް ލީކުވުމުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް އަވަސް އަދި ހަރުކަށި އަދަބު ދިނުމަށް އަވަސް ނިޔާ ކަނޑައަޅާ ކޯޓުތައް ހަދަން އަޅުގަނޑުމެން ނިންމާފައިވަނީ،" ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މޮދީ އިތުރަށް ވިދާޅުވީ، ޒުވާނުންގެ މުސްތަގުބަލާ ކުޅެން އުޅޭ އެއްވެސް ފަރާތަކަށް މާފު ނުދޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ހައްގު އަދަބު ލިބޭނެ ކަމަށެވެ.
މޯދީ މި ނިންމެވުން އިއުލާނު ކުރައްވާފައިވަނީ، އިންޑިއާގެ މެޑިކަލް އެންޓްރެންސް އިމްތިހާނު ނީޓްގެ ޕޭޕަރު ލީކުވި މައްސަލައާ ގުޅިގެން ދިއްލީގެ ޖަންތަރު މަންތަރުގައި ޒުވާނުންނާއި ދަރިވަރުން މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ބުނެފައިވަނީ މިއީ ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ތައުލީމީ ނިޒާމަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.





