ބުރުކީނާ ފާސޯގެ އަސްކަރީ ވެރިޔާ، ކެޕްޓަން އިބްރާހީމް ޓްރާއޮރޭގެ ވެރިކަމަކީ މިހާރު ހަލަބޮލިކަމާއި، ފުށުއެރުންތަކާއި، އަދި ސާފު މިސްރާބެއް ނެތް ސިޔާސީ އޮޔާދާ ވިސްނުމަކަށް ވެއްޖެއެވެ.
އޭނާގެ އެންމެ ފަހުގެ ސިޔާސަތަކީ އިޒްރޭލާ ގުޅުން ބަދަހި ކޮށް، މިސްކިތްތައް ބިނާ ކުރުން މަނާ ކޮށް ގައުމުން ބޭރުގައި އަރަބި ގައުމުތަކުގައި ދީން ކިޔަވާ ދަރިވަރުން ގައުމަށް އައުމަށް މަޖުބޫރު ކުރުމެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސްކަރީ އިންގިލާބަކުން ވެރިކަމަށް ވަޑައިގެންނެވި ޓްރާއޮރޭ، މިހާރު ފެނިގެންދަނީ ގައުމުގެ ހަމަޖެހުމަށްވުރެ ބޮޑަށް، އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ހަމަތަކެއް ފައިދަށުލާ، ބައިނަލްއަގުވާމީ ފަރާތްތަކުގެ "އުކުޅުތަކަށް" ހެއްލޭ މަންޒަރެވެ.
ޓްރާއުރޭ ވެރިކަމަށް އައީ އޭނާގެ ކުރިން ހުރި ޖެނަރަލްގެ ވެރިކަން އިންގިލާބަކުން ފުރޮޅާލައިގެންނެވެ. އޭނާއަކީ އެފްރިކާގެ ސިފައިންގެ އިންގިލާބީ ތާރީޚުގައި އެންމެ ކުރު މުއްދަތެއެްގައި ވެރިކަން ފޭރިގަތް ފަރާތެވެ. ޖެނަރަލް ޓްރާއޮރޭ ސިފައިންގެ ތެރެއަށް ވަންތާ އެންމެ 12 އަހަރު ތެރޭ އޭނާ ވަނީ އިންގިލާބަކުން ވެރިކަން ވައްޓާލައި ވެރިކަމަށް އައިސްފައެވެ.
ޓްރާއޮރޭގެ ވެރިކަމުގެ ސްޓައިލަކީ ހަރުކަށި އަދި ރޭވުންތެރިކަމެއް ނެތް ޖަރީމާތަކެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމެކެވެ.
އޭނާ ވަނީ ޑިމޮކްރެސީއާ ދެކޮޅަށް ފާޅުގައި ތެދުވެ، ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތައް އުވާލައި، ގައުމުގެ ހުރިހާ ބާރެއް އޭނާގެ މުށުތެރެއަށް ލާފައެވެ.
އެންމެ ހައިރާންކުރަނިވި ކަމަކީ، މުސްލިމުން ގިނަ ބުރުކިނާފާސޯގެ އިސްލާމީ ސަގާފީ އުސޫލުތަކާއި، އަރަބި ދުނިޔެއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވުމެވެ. ޖެނަރަލް ޓްރާއޮރޭ އަކީވެސް އިސްލާމް ދީނަށް މަޝްހޫރު ގަބީލާއަކުން އައިސްފައިވާ މީހެކެވެ.
ޖެނަރަލް ޓްރާއޮރޭ ބުނާ ގޮތުން އެފްރިކާ މީހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަރަބިންނާއި މުސްލިމުންގެ ފަރާތުންނެވެ. އޭނާ ބުނަނީ އަޅުންގެ ވިޔަފާރީގައި އަރަބިންވެސް 1965އާ ހަމައަށް ބައިވެރިވެފައިވާ ކަމަށެވެ. މި ވާހަކައަށް އަރަބި އެއްވެސް ސަރުކާރަކުން އަދި ރައްދު ދީފައެއް ނުވެއެވެ.
ޖެނަރަލްގެ ބަދަލުވަމުންދާ ސިޔާސަތާއި ވިސްނުމުގެ ފަހަތުގައި އޮތީ ކޮންކަމެއްތޯ ބަލާއިރު ފެންނަނީ އިޒްްރޭލެވެ!
އެފްރިކާ އިންޓެލިޖެންސް މަޖައްލާއިން ބުނާ ގޮތުގައި އިޒްރޭލާ ގުޅުން އުފެއްދުމަށް ޓްރާއޮރޭ މަސައްކަތް ކުރާތާ ދުވަސް ގަނޑެއް ވެއްޖެއެވެ.
- އެއާއެކު އޭނާ ވަނީ އިޒްރޭލުގެ އާ ސަފީރު ސައިމަން ސެރޫސީގެ ފަތްކޮޅު، ވެރިރަށް ވަގާޑޫގޫގައި ރަސްމީކޮށް ބަލައިގެންފައެވެ.
- މި ފަތްކޮޅު ބަލައިގަތުމުގެ މައްސަލާގައި މަސްތަކެއް ވަންދެން ބޮޑެތި ސުވާލުތަކެއް އުފެދިފައި އޮތެވެ.
އެފްރިކާ އިންޓެލިޖެންސް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި، ސަފީރުގެ ފަތްކޮޅު ބަލައިގަތުމުގެ ހުއްދަ 2025 ވަނަ އަހަރުގެ ހޫނު މޫސުމުން ފެށިގެން އޮތީ މަޑުޖެހިފައެވެ. ނަމަވެސް، ފަހުން މިކަން ހިނގާފައިވަނީ މީޑިއާއަށް ސިއްރުންނެވެ.
ފެންނަ ފެނުމަށް، މި ފާޅުކަން ބޮޑު ބައްދަލުވުމާއެކު، ހުޅަނގާ ދެކޮޅު ލީޑަރެއްގެ ގޮތުގައި ކުރިން ދެއްކި ސިފަ ކިލަނބު ނުވާ ގޮތަށް އޭނާގެ އަގު ނުވެއްޓޭނެ ގޮތަކަށް، އިޒްރޭލާ ގާތްކަން ބޭއްވުމަށް ޓްރާއޮރޭ ދަނީ ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.
މި އާ މަންޒަރުން ދޭހަވަނީ، ބޭރު ގުޅުންތައް ބެލެހެއްޓުމުގައި އޭނާ މިހާރު އައު ގޮތަކަށް ވިސްނަމުން އަންނަ ކަމަށެވެ.
މިއީ އެފްރކާގެ ސާހިލް ސަރަހައްދުގައި އިޒްރޭލުގެ ޖާސޫސީ އަދި ސަލާމަތީ ނުފޫޒު ވަރުގަދަކުރުމަށް އިޒްރޭލުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ޔަހޫދީ ރެޖީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އިޒްރޭލުން މިކަމުގެ ފައިދާ ނަގަމުންދަނީ، ސަލާމަތީ ކަންކަމާއި ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތްކުރުމުގައި އިޒްރޭލުގެ ޓެކްނޮލޮޖީއާއި ތަޖުރިބާއަށް ބޭނުންވެފައިވާ ސަރަހައްދުގެ ގައުމުތަކުގެ ޝައުގުވެރިކަމުގެ ތެރެއިން ކަމަށް އެފްރިކާ އިންޓެލިޖެންސްއިން ބުނެއެވެ.
ގިނަ މުހައްލިލުން ގަބޫލުކުރާ ގޮތުގައި ޓްރާއޮރޭ ގެންދަނީ އެތައް ދިމާއެއްގައި އަދި އެތައް ފަރާތަކާއެކު އެތެރެއިންނާއި ބޭރުން ހަނގުރާމަ ކުރަމުންނެވެ. ސުއާލަކީ އޭނާއަށް ހިފަހައްޓާލެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟
މިސްކިތްތައް ބިނާ ކުރުން މަނާ ކުރުމަށް އޭނާ ނެރުނު އޯޑަރާއެކު އޭނާ ވަނީ ގައުމުން ބޭރުގައި އިސްލާމް ދީން އުނގެނެމުންދާ 800 ދަރިވަރުން ވަގުތުން ގަައުމަށް އައުމަށް އަންގާފައެވެ. އަދި އެނބުރި ނައަންނަ މީހުންގެ ރަށްވެހިކަން ނިގުލައި ގަނެ ޕާސްޕޯޓް ކެންސަލް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ބުނެފައި ވަނީ ބޭރުން ދީން ކިޔަވައިގެން އަންނަ މީހުން ހަރުކަށި ފިކުރު ފަތުރާ ކަމަށެވެ، އަދި އެއާއެކު އެކީގައި އޭނާ ވަނީ އިސްލާމީ ދައުވާގެ މަސައްކަތަށްވެސް ހުރަސް އަޅާފައެވެ.
ޓްރާއޮރޭގެ މި އައު ސިޔާސަތުތަކުގެ ސަބަބުން ބުރުކީނާ ފާސޯ މިހާރު މިވަނީ ނާމާންކަމުގެ ތެރެއަށް ޣަރަގުވެފައެވެ. އަސްކަރީ ގޮތުން ކިތަންމެ ވަރުގަދަ ކަމަށް ދެއްކިޔަސް، އޭނާގެ ސިފައިންނަށް ހަނގުރާމައިގެ މައިދާނުގައި އަދި މިހާތަނަށް އެއްވެސް ކާމިޔާބެއް ނުހޯދެއެވެ. އޭގެ ބަދަލުގައި، އާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ވަކި ނަސްލުތަކަކަށް އަމާޒުކޮށް ހިންގާ ޖަރީމާތަކުގެ ސަބަބުން، ގައުމު މިވަނީ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. އަދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުންވެސް ދަނީ ބުރުކިނާ ފާސޯގައި ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ތަހުގީގެއް ފަށާފައެވެ.
ޓްރާއޮރޭގެ "ޒަޔަނިސްޓް" ރަހުމަތްތެރިކަމާއި، އިސްލާމީ އުސޫލުތަކަށް ދޭ ހަމަލާތަކަކީ، ބުރުކީނާ ފާސޯގެ ތާރީހުގައި އެންމެ ކަޅުކަންގަދަ ސޮފްހާތައް ކަމުގައި ފަހުގެ ޖީލުތައް ފާހަގަކުރާނެކަން ޔަގީނެވެ.







