އެމެރިކާގެ 200 އަށް ވުރެ ގިނަ ސިފައިން މަރާލެވިއްޖެ: އައިއާރްޖީސީ

އުދުވާނީ ހަމަލަތައް ހުއްޓާލުމަށްފަހު އަލުން ފެށިފަހުން މެދުއިރުމަތީގައި ތިބި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ 200 އަށް ވުރެ ގިނަ ސިފައިން މަރާލެވިފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ހުސައިން މުހިއްބީ، އީރާން ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "އޮޕަރޭޝަން ވިކްޓްރީ-2″ ގެ ނަމުގައި އީރާނުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 200 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ޒަހަމްވި ސިފައިންގެ އަދަދު މި މިންވަރަށް ވުރެ ވެސް މަތި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސިފައިން އެމީހުންގެ ގެއްލުންތަކާ ގުޅޭގޮތުން ފަތުރާ ހުރިހާ ރިޕޯޓުތަކަކީ ދޮގު މައުލޫމާތު ކަމަށް މުހިއްބީ ސިފަކުރެއްވިއެވެ. އަދި އީރާނުން ހަމަލާދިން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ނޫސްވެރިން ވައްދައި، ހަގީގަތް ހާމަކުރުމަށް އެމެރިކާއަށް އޭނާ ގޮންޖައްސަވައެވެ.

މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔައީ، ޖުލައި 8 ވަނަ ދުވަހު އެމެރިކާއިން އީރާނަށް އަލުން އުދުވާނީ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މިއީ އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގަށް ފަހު އެމެރިކާއިން އީރާނަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ހުރުމްޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދަކަށް އީރާނުން ހަމަލާ ދިން ކަމަށް ބުނެ އެމެރިކާއިން ދިން ރައްދު ހަމަލާތަކަށް ފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާން ކުރައްވައިފައެވެ.

މިއާއެކު އީރާނުން ވަނީ ބަހުރޭން، ކުވޭތު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، އަދި ޖޯޑަންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އަދި ޖުލައި 14 ގައި އެމެރިކާއިން ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދުތައް ހިސާރު ކުރުމުގެ ފިޔަވަޅު އަލުން ތަންފީޒުކޮށްފައެވެ.

ހިއްސާ ކުރައްވާ!