ޔުނައިޓޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު ފެށުނީއްސުރެ، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިން ހިންގި 1،330 އަށް ވުރެ ގިނަ ޖަރީމާއާއި ހަމަލާތައް އެ އޮފީހުން ވަނީ ލިޔެކިޔުމުން ރެކޯޑުކޮށްފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ޖިސްމާނީ އަނިޔާތައް ލިބުމުގެ އިތުރުން، އެމީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އެ އޮފީހުން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި، ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާތީ، އެކަމާ މެދު ކަންބޮޑުވާކަން ވަނީ ފާޅުކޮށްފަ އެވެ.
އެ އޮފީހުން ބުނާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ކުޑަކުއްޖަކާއެކު މަދުވެގެން 8 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި ގެދޮރާއި، މިސްކިތްތަކާއި، ގަސްގަހާގެއްސާއި، ދަނޑުވެރިކަމުގެ ވަސީލަތްތައް އަންދާލައި ނުވަތަ ހަލާކުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ތަންތަން މުޅިން ސުންނާފަތިކޮށްފައިވާ ކަމަށް ބުންޏެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން 10 އާއިލާއެއް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
އެ އޮފީހުން އިތުރަށް ބުނީ، އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއަޅައި، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަދެ ނުކުތުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ ސަބަބުން އެތައް ހާސް ބަޔަކަށް ކުއްލި ސިއްހީ ފަރުވާއާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށް ވަނީ ދަތިވެފަ އެވެ.
"އޯސީއެޗްއޭ" އިން ބުނި ގޮތުގައި، މި އަހަރު ފެށުނީއްސުރެ މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް، އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ އަތުން 18 ކުޑަކުދިންނާއެކު 77 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
އަދި އާންމު ރައްޔިތުންނަށް ކުއްލި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށާއި އިންސާނީ ހައްގުތަކުގެ ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ އޮފީހުން ގޮވާލި އެވެ. ހަމައެއާއެކު، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މުހިންމުކަން އެ އޮފީހުން ފާހަގަކުރި އެވެ.
މި މައްސަލައާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން، ހުޅަނގު އައްސޭރީގައި އާ ވަޒަންވެރިންގެ ބަސްތީތައް އުފެއްދުމާއި، މިހާރު ހުރި ދަނޑުވެރިކަމުގެ ބިންތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން އަވަސްކުރުމަށް ނިންމާފައިވާތީ އެވެ.
ގުޓެރޭސް ތަކުރާރުކޮށް ވިދާޅުވީ، ހުރިހާ ވަޒަންވެރިންގެ ބަސްތީތަކާއި ދަނޑުތަކަކީ ވެސް "ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، ގާނޫނީ ހައިސިއްޔަތެއް ނެތް" ތަންތަން ކަމަށެވެ. އަދި މިއީ "ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އޮތް ބޮޑު ހުރަހެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ހަފުތާތަކުގައި ހުޅަނގު އައްސޭރީގައި ވަޒަންވެރިން ހިންގާ ހަމަނުޖެހުންތަކާއި ޖަރީމާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނާ ގޮތުގައި، އިސްރާއީލު ސިފައިން އަންނަނީ ވަޒަންވެރިން ހިންގާ މިފަދަ ހަމަލާތައް ބަލައިނުގަނެ ދޫކޮށްލުމުގެ އިތުރުން، އެ ހަމަލާތަކުގައި ބައިވެރިވެސް ވަމުންނެވެ.





