ޓްރަމްޕަށް ވަސްވާސް ލައިދެވޭކަން ސާބިތުކޮށްދޭން ނަތަންޔާހޫއަށް ފިއްތުންތައް ބޮޑުވެއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްއަށް ކުރާ ދަތުރުގައި، ރައީސް ޓްރަމްޕަށް ހަމަނުޖެހުން އުފެއްދުމަށް ވަސްވާސް ލައިދިނުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭން ޖެހިފައިވާ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ އިންޓަރނޭޝަނަލް ސްޓަޑީޒްގެ ލެކްޗަރަރ، ރޮބް ގައިސްޓް ޕިންފޯލްޑް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނިންމުންތައް ނިންމުމުގެ މަރުހަލާގައި އިޒްރޭލުގެ ހިއްސާއެއް ނެތް ކަމުގެ އިހުސާސް އިޒްރޭލުގެ ރައްޔިތުންނަށް ކުރެވޭ ކަމަށެވެ.

"ހަނގުރާމަ ހުއްޓާނީ ކޮން އިރަކު، ފަށާނީ ކޮން އިރަކު، އަދި ހަމަލާ ދޭނީ ކޮންތަނަކަށްތޯ ނިންމުމުގައި ޔަހުދީން ބޭނުންވާ ފަދަ ނުފޫޒެއް ޓްރަމްޕްގެ މައްޗަށް ނެތް،" އޭނާ ވިދާޅުވިއެވެ.

ގައިސްޓް ޕިންފޯލްޑް ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިޒްރޭލުގެ ގުޅުމާމެދު ބައެއް އެމެރިކާ މީހުން ސުވާލު އުފައްދަމުންދާއިރު، އިޒްރޭލުގައި ވެސް މިހާރު އެސުއާލު ކުރަމުންދާ ކަމަށެވެ. އެހެންވެ ނަތަންޔާހޫއަށް ޖެހިފައި ވަނީ އޭނައަކީ ޓްރަމްޕަށް ނުފޫޒު ފޯރުވޭ ވަރުގެ މިހެއްކަން ސާބިތުކޮށްދޭން ޖެހިފައެވެ.

"ލުބްނާނުގައި އިޒްރޭލުން ހަރަކާތްތެރިވުމުގައި އެމެރިކާގެ ފަރާތުން ފިއްތުންތައް ކުރިމަތިވެ، އެމީހުންގެ ހަރަކާތްތައް ވަނީ ހަނިވެފައި. ލުބްނާނުން އަދި ފައިބާފައި ނުވި ނަމަވެސް، އެ ގައުމުގައި ހަރަކާތްތެރިވުމުގެ މިނިވަންކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމުގެ އިހުސާސް ޔަހޫދީންނަށް ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ އެއްބާރުލުން ލިބުމަކީ އިޒްރޭލަށް ޑިޕްލޮމެޓިކް ހިމާޔަތާއި، އިތުރު އަމާޒުތަކަށް ހަމަލާ ދިނުމަށް އަސްކަރީ ގޮތުން ކުރިއެރުން ލިބުނު ކަމެއް ނަމަވެސް، އެ ބައިވެރިކަމުގެ އަނެއް ފަރާތެއް ވެސް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ ހަގީގަތުގައި އިޒްރޭލުގެ އަމިއްލަ ހަރަކާތްތަކަށް ހުރަސްއެޅި، އެމީހުންގެ މިނިވަންކަން ހަނިކުރި ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!