ހިފާފައިވާ އިރުމަތީ ގުދުސްގެ އުތުރުން އޮންނަ ގަލަންދިޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާ އުންރުވާގެ ތަމްރީނު މަރުކަޒަކަށް އިޒްރޭލު ސިފައިން ވަދެގަނެފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެ ސަރަހައްދުގެ އޮފިޝަލުން ބުނެފައިވަނީ، އިޒްރޭލު ސިފައިން އެ މަރުކަޒަށް ވަދެގަތީ ކަރުނަ ގޭސް ބޭނުންކޮށްގެން ކަމަށާއި، އެތަނުގައި ތިބި އދ. ގެ މުވައްޒަފުން އެއް ހޯލަކަށް ޖަމާކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިޒްރޭލު ސިފައިން ރޭގަނޑުގެ ވަގުތެއްގައި ގަލަންދިޔާ ކޭމްޕަށް ދިން ހަމަލާތަކުގައި ސްޓަން ގްރޭނޭޑާއި ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުން އެތަނުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށް ގުދުސްގެ ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ރެއިޑަކީ، ގަލަންދިޔާގައި ހުންނަ އުންރުވާގެ ތަމްރީނު މަރުކަޒު ތަޅާލުމަށް އިޒްރޭލުން ރާވަމުންދާ ކަމުގެ އިންޒާރު ގަވަރުނަރޭޓުން ދިންތާ ހަފުތާތަކެއް ފަހުން ހިންގި އަމަލެކެވެ.
ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޖެނޮސައިޑް ރެޖހީމުން 341 ފަހަރެއްގެ މަތިން އިމާރާތްތައް ތަޅާލާފައިވެއެވެ. މީގެ ސަބަބުން 740 އަށްވުރެ ގިނަ އުމްރާނީ ވަސީލަތްތައް ހަލާކުވެ، 923 ފަލަސްތީނު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.





