އީރާނުން 'އެއްބަސްވުމަކަށް އެދި އާދޭސްކުރާ' ކަމަށް ބުނާ ވާހަކަތަކާމެދު ސުވާލުތައް އުފެދިއްޖެ

އެމެރިކާއިން އީރާނާ ދެކޮޅަށް ދެ ހަފުތާ ވަންދެން ހިންގި ވައިގެ ހަމަލާތައް ކުއްލިއަކަށް ހުއްޓާލިތާ ދެ ދުވަސް ފަހުން، ސައުދީ އަރަބިއްޔާ، ޖޯޑަން އަދި އިރާގަށް ޑްރޯން ހަމަލާތަކެއް ދީފައިވާކަން އެ ގައުމުތަކުން ހާމަކޮށްފިއެވެ.

އެމެރިކާއިން ހިންގި ވައިގެ ހަމަލާތަކުގެ ތެރޭގައި ޖޯޑަން އާއި އުތުރު އިރާގުން އެމެރިކާގެ ހަތަރު ސިފައިން މަރުވެފައިވާއިރު، އެމެރިކާގެ އޮޕަރޭޝަންތަކަކީ އޭގެ ނަތީޖާ ނުކުމެ ނިމިފައިވާ އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ މަތީ ފަންތީގެ އަސްކަރީ ކޮމާންޑަރުން ލަފާ ދެއްވުމުން، ހަފުތާ ބަންދުގައި ރައީސް ޓްރަމްޕް ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. އަދި މިަމުގެ ފަހަތުގައި އެމެރިކާގެ ހަތިޔާރު ގުދަންތައް ހުސްވުންވެސް ހިމެނެއެވެ.

އެމެރިކާގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، ހަމަލާދޭނެ އަމާޒުތައް ހުސްވަމުންދާ ކަމަށް ކޮމާންޑަރުން ރައީސަށް ދެންނެވިއެވެ. އަދި ވައިގެ ދިފާއީ ހަތިޔާރުތައް މަދުވަމުންދާ ކަމާމެދު ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށްވެސް ނަން ހާމަނުކުރާ އެ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އަދި އެމެރިކާގެ އެހެން އޮފިޝަލުން ވަނީ އީރާނަކީ "އެއްބަސްވުމަކަށް އާދޭސްކުރަމުންދާ" ގައުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޯމަ ދުވަހުވެސް ވިދާޅުވީ، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ތެހެރާނުން އެދިފައި ނުވާނެ ކަމަށެވެ. އަދި އެމެރިކާއަށް އެއްވެސް ކަމަކަށް އެދި އެއްޗެއް އަންގާފައި ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!