އެމެރިކާގެ އެކްޓަރު މާކް ރަފަލޯ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޑުކިޔައި، އޭނާއަކީ "މޮޔަ ޤާތިލެއް" ގެ ދަރަޖައަށް ސިފަކޮށްފިއެވެ. ރަފަލޯ މިހެން ބުނެފައިވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރ ޖެނެރަލް ކަރީމް ޚާން މަޤާމުން ވަކިކުރުމުން، ނަތަންޔާހޫ އެކަމަށް މަރުޙަބާ ކިޔުމާ ގުޅިގެންނެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އުމުރުން 59 އަހަރުގެ ރަފަލޯ ބުނީ، އައިސީސީގެ ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރިޔަސް ޣައްޒާގައި އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ފޮހެވިގެން ނުދާނެ ކަމަށެވެ.
އަދި އޭނާ އިތުރަށް ބުނެފައިވެއެވެ. "އިންސާފުން ރެކެވިގެންނެއް ނުދެވޭނެ، އަދި ތާރީޚު ބަދަލެއްވެސް ނުކުރެވޭނެ. ބެންޖަމިން ނަތަންޔާހޫ، ކަލޭ ތިޔައީ މޮޔަ ޤާތިލެއް. އަދި ތާރީޚު އަބަދުވެސް ކަލޭ ހަނދާން ބަހައްޓާނީ އެފަދައިން." ކަމަށެވެ.






